ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އިންތިޚާބު އަންނަ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ގޭމްސް އިން ބުނީ އެ އެސޯސިއޭޝަންގެ ހުސްވެފައިވާ މަގާމުތައް މީހުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހު ބޭއްވުމަށް ނިންމީ މި މަހު ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ 15 ވަނަ ޖަލްސާގައި ކަމަށެވެ.
އިންތިޚާބީ ޖަލްސާގައި ބައިވެރިވޭނީ މި މަހުގެ 30 ވާ ބުދަ ދުވަހުގެ ހަވީރު 6 ޖެހުމުގެ ކުރިން މި އަހަރުގެ ފީ ދައްކާފައިވާ ޕްރިމިއަރ މެމްބަރުންނާއި ސިލްވަރ މެމްބަރުންނަށް ކަމަށްވެސް ގޭމްސް އިން ބުންޏެވެ.
ނަމަވެސް ގޭމްސް އިން ބުނީ ހޮވުމަށް ހަމަޖެހިފައިވާ މަގާމުތައް އިއުލާނުކުރާނީ އޮކްޓޯބަރ އެއްވަނަ ދުވަހު ކަމަށެވެ. އަދި ޕްރިމިއަރ މެމްބަރުންނާއި ސިލްވަރ މެމްބަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ގޭމްގެ ޕީއާރް އެންޑް މާކެޓިންގ 9883317 އާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް ގޭމްސް އިން ވަނީ އެދިފައެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން މެމްބަރުން އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ.
ގޭމްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގާ ހުންނެވި މޫސާ ނާސިހު އިސްތިއުފާ ދެއްވުމުންނެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، ގޭމްގެ އެސްޖީގެ މަގާމުގައި ހުންނެވި ސައުދުﷲ އަހްމަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް