ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ކައުންސިލަށް އިންތިގާލީ މެމްބަރުން އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުގެ ގާނޫނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި...

14 Sep 2020 | 16:28

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުގެ ގާނޫނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އިންސްޓިއުޓެކެވެ.

އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލަށް މެމްބަރުން އައްޔަން ކުރެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެވެ.

އެ ކައުންސިލްގައި އޭނާއާއެކު ނުވަ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. މި ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އޮޑިޓް އޮފީހުގެ ބޭފުޅުންނާއި އެކައުންޓެންސީ ޕްރޮފެޝަންގެ ބޭފުޅުންނެވެ.

މިއީ، ޗާޓަރޑް އެކައުންޓެންޓުންގެ އިންސްޓިއުޓް އުފެދުމާ ގުޅިގެން އައްޔަން ކޮށްފައިވާ އިންތިގާލީ ކައުންސިލަށްވާ އިރު، މި އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ ހަތަރު އަހަރު ހިންގުމުގެ މަސައްކަތް ކުރާނީ މި ކައުންސިލުންނެވެ.

ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއެރުވުމަށް އުފައްދާފައިވާ މި އިންސްޓްޓިއުޓް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

މީގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދު ތައްޔާރު ކުރުމާއި، ކޮމިޓީތައް އެކުލަވާލުމާއި، އިންސްޓްޓިއުޓްގެ ރަޖިސްޓްރީ ބަލަހައްޓައި އެ ފަރާތްތަކުގެ ގިންތި ކަނޑައެޅުމާއި ޕްރައިވެޓް ސެކްޓަރގެ އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަޑްތައް އެކުލަވައިލުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންތިގާލީ މަރުހަލާއަށްފަހު ދެން ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރާނީ އިންސްޓްޓިއުޓްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މިހާރު އައްޔަންކޮށްފައިވާ ކައުންސިލް މެމްބަރުން

- ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނަރު ހަސަން މުހައްމަދު

- ޕްރޫޑަންޓް ޗާޓަރޑްގެ މެނޭޖިންގ ޕާޓްނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

- އެފްޖޭއެސް އެސޯސިއޭޓްސްގެ މެނޭޖިންގ ޕާޓްނަރު ފަރީހާ ޝަރީފް

- މެރިއަޓް އިންޓަނޭޝަނަލްގެ ކޮމްޕްލެކްސް ޑިރެކްޓަ އޮފް ފިނޭންސް މާލިކް މުހައްމަދު

- އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް

- ޑިރެކްޓަރ އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓަރނަލް އޮޑިޓަރ އިބްރާހިމް ފަޒީލް

- ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

- ފައިނޭންޝިއަލް ކޮންޓްރޯލަރ ފާތިމަތު ރަޒީނާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް