މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މިއަދު ދިވެހިރާއްޖޭގެ 'މަލްޓި ހަޒާރޑް އެޓްލާސް' އިފްތިތާހުކޮށްފިއެވެ.
މި އެޓްލަސް އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވުނު ވާރޗުއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑ.ރ ހުސެން ރަޝީދު ހަސަން ވިދާޅުވީ މިއެޓްލަސް ގެ ސަބަބުން، ތަރައްޤީގެ އެއި މަޝްރޫއުތަކާއި ބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކުގެ މައްޗައް ނުވަތަ އެވިޑެންސްބޭސްޑް ޑެސިޝަން ނެގުމުގައި އެހީތެރިވެދޭނެ ކަމަށެވެ.
މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި، މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް އިތުރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އެޓްލަސްއަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީ އާއިއެކު، 'ކްލައިމެޓް ރިސްކް ސްކްރީނިންގ ފޯރ މެއިންސްޓްރީމިންގ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް' ޕްރޮޖެކްޓްގެ ދަށުން ދިރާސާކުރެވި ތައްޔާރުކުރެވިފައިވާ އެޓްލަސް އެކެވެ.
މި އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ބައްޓަންކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެ މައުލޫމާތުތަކެވެ.
މިއެޓްލަސް ތައްޔާރު ކުރެވިފައިވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ޕްލެޓްފޯމެއްގެ މައްޗަށެވެ. އަދި މި މައުލޫމާތު އާއްމުކޮށް ލިބޭނެގޮތަށް އޮންލައިން ކުރުމަށްދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި އެޓަލަސްގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރުވެސް ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް