ރާއްޖެއިން ކޮވިޑް ޖެހިގެން 33 ވަނަ މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއިލް ޒަކަރިއްޔާ އެވެ.
އުމުރުފުޅުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ އަވާހަރަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވް ވުމުން އެންމެ ފުރަތަމަ ފަރުވާ ދެމުން އައިސްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އިސްމާއިލް ޒަކަރިއްޔާ ހާލު ބޮޑުވުމުން ނެވެ.
އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލް އާއި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހީމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ހަފްތާއަކަށްފަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ އަނެއްކާވެސް އިތުރުވެފައިވާ އިރު، މި ބައްޔަށް އިއްޔެ ވަނީ 121 މީހަކު ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9173 އަށް އަރާފައެވެ. މީގެތެރެއިން 1809 މީހުންނަށް ފަރުވާ ދެމުން އަންނައިރު 113 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 7326 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް