ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކޮށްފި އެވެ.
ލިލީ ކުންފުންޏާއި ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މާސްކުތަކަކީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރި މާސްކުތަކެއް ކަމަށެވެ.
މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި މި މާސްކުތައް ހަވާލުކޮށްފައިވަނީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް، ހުސައިން ފައިސަލް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިންގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސަރު މުހައްމަދު އިމްތިޔާޒެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މާސްކުތަކާއި ހަވާލުވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް ފަހު ތިން މަސް ފަހުން ހުޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއި އެކު އެވެ. މި ފިޔަވަޅުތަކުގެ ދަށުން ސްކޫލްތަކަށް ވަންނަ ހުރިހާ އެންމެން މާސްކު އަޅަން ޖެހެ އެވެ.
ދަރިވަރުން ސްކޫލަށް ވައްދަނީ މާސްކު އަޅައި، ފިނިހޫނުމިން ބެލުމަށް ފަހު އަތް ދޮއްވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް