އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖޯ ބައިޑަންއަށް މައިކަލް ބްލޫބާރގް 100 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިއީ ފްލޮރިޑާ ސްޓޭޓްގެ ވޯޓު ކާމިޔާބުކުރަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއަށް، މައިކަލް ބްލޫމްބާގު ދޭ ހަދިޔާއެކެވެ.
ފްލޮރިޑާއަކީ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކުރާ ސްޓޭޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ އިރު، އެ ސްޓޭޓަށް ކަނޑައަޅާފައިވާ 29 އިލެކްޓޯރަލް ވޯޓަކީ ވަރަށް މުހިންމު ވޯޓެކެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އެ ސްޓޭޓަށް އަބަދުވެސް އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.
އެމެރިކާގެ އިންތިޚާބީ ގާނޫނުގައިވާ ގޮތުގައި އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނީ އާބާދީގެ ނިސްބަތުން ކޮންމެ ސްޓޭޓަކަށް ކަނޑައަޅާފައިވާ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބޭ ކެންޑިޑޭޓަކަށް ކަމަށްވަ އިރު، ޢާންމުންގެ ގިނަ ވޯޓު ލިބުނަސް، އިލެކްޓޯރަލް ވޯޓުގެ ސަބަބުން، އެމީހަކު ނުހޮވުމަކީ އެކަށީގެންވާ ކަމެކެވެ.
އެކަން އެންމެފަހުން ތަޖުރިބާކުރައްވާފައިވަނީ ހިލަރީ ކްލިންޓަންއެވެ. އެކަމަނާއަށް އެންމެ ފަހު އިންތިހާބުގައި ޓްރަމްޕަށް ވުރެ ގިނަ މީހުން ވޯޓު ލިބުނު އިރު، އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދެވީ ޓްރަމްޕެވެ.
ބްލޫމްބާގުގެ މި ނިންމެވުމަށް ރައީސް ޓްރަމްޕް މަލާމަތްކުރައްވާ ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން، ސިޔާސީ ގޮތުން ޑިމޮކްރެޓިކް ޕާޓީއާ އޮތް ގުޅުން ބްލޫމްބާރގު ނިމުމަކަށް ގެންނެވީ ކަމަށް ހީފުޅު ކުރެއްވި ކަމަށެވެ.
އެމެރިކާގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ ނޮވެމްބަރު 4 ގައެވެ. ނަމަވެސް ޕޯސްޓް މެދުވެރިކޮށް ވޯޓުލުން އޭގެ ކުރިން ފަށާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިފަހަރު ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ބެލެވެނީ ޕޯސްޓު މެދުވެރިކޮށެވެ.
ޚިޔާލު ހޯދުންތަކުން ފްލޮރިޑާގައި ބައިޑަންއާ ޓްރަމްޕު ދާދި އެއްވަރެއްގައި އުޅުނަސް މުޅި އެމެރިކާއަށް ބަލާ އިރު، ކުރީގައި އުޅެނީ ޓްރަމްޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް