އެމީހެއްގެ މަޤާމު އެމީހަކު ކަނޑައަޅަންވީއެވެ!

ޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! "ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަ...

14 Sep 2020 | 05:30

ޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! "ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟"

އެންމެން މަރުވެ ދިޔައީއެވެ. އެކަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ. ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ. ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށް ބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ.

ޙަޔާތުގެ ނައު ދަތުރު ކުރަމުން ދަނީއެވެ. އެ ނަވުގައި އެތަށް ގޮނޑިތަކެއް ބެހެއްޓިފައިވެއެވެ. ދަތުރުވެރިން ގިނަކަމުން ނައު ވަނީ ތޮއްޖެހިފައެވެ. ކުރިން މިނަވުގައިތިބީ އަހަރެމެންގެ ކުރީގެ ޖީލުތަކުގެ މީހުންނެވެ. އެމީހުން މިހާރު ނަވުން ފެންނާކަށް ނެތެވެ. އޭގެ ތެރޭގައި ވަނީ:-

އަނިޔާވެރިންނާއި އަނިޔާލިބުނު މީހުންނެވެ.

ބޮޑާ ކިބުރުވެރިންނާއި،ހިތްތިރި ތަވާޟުޢުވެރިންނެވެ.

ތަންދޮރުފިލާފައިވާމީހުންނާއި ޖާހިލުންނެވެ.

މުއްސަނދިންނާއި ފަޤީރުންނެވެ.

ދީލަތިމީހުންނާއި ދަހިވެތި މީހުންނެވެ.

ހިތްނުބައި ޙަސަދަވެރިންނާއި، އަނެކާއަށް ހެޔޮއެދޭ ހިތްސާފު މީހުންނެވެ.

އަނެކުންނަށް އުނދަގޫކުރާމީހުންނާއި، އެހީތެރި އިޙްސާންތެރިންނެވެ.

މީހުންގެ މުޅަމަސްކާ، ބަސްމަގު ހުތުރު މީހުންނާއި،ޚުލްޤުހެޔޮ އަނެކުންދެކެ ލޯބިވާމީހުންނެވެ.

ހީލަތްތެރި މަކަރުވެރިންނާއި، ނަފްސު ތާހިރު ހިތްސާފުމީހުންނެވެ.

ދޮގުވެރިންނާއި، ތެދުވެރީންނެވެ.

އަނެކުންގެ ޙައްޤުތައް ޖަހައިގަންނަ މީހުންނާއި، އަނެކުންނަށް ޞަދަޤާތްކުރާމީހުންނެވެ.

އަނެކުންނާއިމެދު ނުބައިހީތައް ކުރާމީހުންނާއި، އަނެކުންގެ ޢުޒުރު ޤަބޫލުކުރާ ހެޔޮނިޔަތުގެމީހުންނެވެ.

ޚާލިޤު ގެ އަމުރުތަކަށް ތަބާވުމުގައި މަޝްޣޫލުވާމީހުންނާއި، މަޚްލޫޤުންގެ ފަހަތުން ދުވާމީހުންނެވެ.

ހެއްދެވިފަރާތުގެ ބަސްއެހުމަށް ސަމާލުވާމީހުންނާއި، މުޚްލޫޤުންގެ ބަސް ކުރިއަށްނެރޭމީހުންނެވެ.

ހިތްނިޔަތް ޚާލިޞްކޮށް އެތެރެފުށް ރީތިކުރަން އުޅޭމީހުންނާއި، ބޭރުފުށް އޮމާންކޮށް މަޡުހަރު ރީތިކުރަން އުޅޭމީހުންނެވެ.

ތިމާގެ ވާޖިބު އަދާކުރަން އިސްކަންދޭމީހުންނާއި، ތިމާގެ ޙައްޤުތައް ނުލިބިގެން އަވަދިނެތި އުޅޭމީހުންނެވެ.

ތިމާގެ ކަމުގެ ގުޅުންތައް ކަނޑާމީހުންނާއި، އެގުޅުން ދަމަހައްޓަން އުޅޭމީހުންނާއި، ހަމަ އެކަނި ތިމާ އާއި ގުޅުން އޮންނަ ފަރާތްތަކާއި ގުޅުން ބޭއްވުމަށް އުޅޭމީހުންނެވެ.

ހެއްދެވިފަރާތުގެ ނިޢުމަތްތަކަށް ޝުކުރުވެރިވާމީހުންނާއި، އެ ނިޢުމަތްތަކާމެދު ޣާފިލުވެފައިވާމީހުންނެވެ.

މައިންބަފައިންގެ ޙައްޤުފުރިހަމައަށް އަދާކުރާމީހުންނާއި، އެބައިމީހުނަށް އިހާނާތްތެރިވާމީހުންނެވެ.

ބަލާތަކާއި މުޞީބާތްތަކަށް ކެތްތެރިވާމީހުންނާއި، ފިނޑިކަން ކުރިއަށްނެރޭ ކެތްތެރިކަން ކުޑަމީހުންނެވެ.

އަނެކާގެ ފަތިފުށް ހޯދަމުންދުވާމީހުންނާއި، ތިމާގެ އުނިކަން ފާހަގަކޮށް އެކަން އިޞްލާޙުކުރަން އުޅޭމީހުންނެވެ.

އަނެކާގެ ފަރާތުން ބަދަލުހިފަން އުޅޭމީހުންނާއި، އޯގާތެރިކަން އިސްކޮށް މަޢާފުކުރާމީހުންނެވެ.

ކިޔަމަންތެރިކަމައިގެން މަޝްޣޫލުވާމީހުންނާއި، ޙަރާމްކަންތަކަށް އަރައިގަތުމުގައި މަޝްޣޫލުވާމީހުންނެވެ.

ހެޔޮމަގަށް ގޮވާލާމީހުނަށް މަލާމާތްކުރާމީހުންނާއި، އެމަގަށް ގޮވާލުމަށް ހިތްވަރުދޭމީހުންނެވެ.

މީސްތަކުން ޚަރާބުކުރުމުގައި ތިމާގެ ހަކަތަ ހުސްކުރާމީހުންނާއި، އިޞްލާޙުކުރުމުގައި ޖިހާދުކުރާމީހުންނެވެ.

މިހުރިހައި މީހުން ގޮވައިގެން ޙަޔާތުގެ ނައު ބާރަށް ދަތުރުކުރަމުންގޮސް ބަނދަރަށް ވާސިލުވެއެވެ.

ބަނދަރަކީ ތޯއެވެ.! ކަށްވަޅެވެ. އިސްވެބުނެވުނު ހުރިހައި ސިފަތަކެއްގެ އަހުލުވެރިން އެތާގައިވެއެވެ.

ފަޤީރުމީހާގެ ގާތުގައި ބޮޑުމަހުޖަނެއްވެސް އޮވެދާނެއެވެ.

ޞާލިޙު މީހާއާއި ޖެހިގެން ޠާލިޙު މީހާވެސް އޮވެދާނެއެވެ.

ޒާލިމުގެ ގާތުގައި މަޒްލޫމް އޮވެދާނެއެވެ.

ވަގުކަލޭގެ އަރިމަތީ މަޙްރޫމް އޮވެދާނެއެވެ.

ޢިއްޒަތްތެރިންނާއި ނިކަމެތިން އެއްތަނެއްގައެވެ.

ޢާލިމުންނާއި ޖާހިލުން އެއްތާކުއެވެ.

ޤަބުރުސްތާނަށް ގޮސް ގޮވާލަބަލާށެވެ! " ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟"

އެންމެން މަރުވެ ދިޔައީއެވެ. އެކަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ. ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ. ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށް ބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ.

މިހާރު އެނަވުގައި މިތިބީ "އަހަރެމެންނެވެ."

އަހަރެމެން ކޮންމެމީހަކުވެސް ބަލަންވީ އެމީހަކަށް މި އިނދެވެނީ އެނަވުގެ ކޮން ސީޓެއްގައި ތޯއެވެ؟ އެމީހާގެ ކައިރި ސީޓުތަކުގައި ތިބީ ކޮންބައެއްތޯއެވެ..؟ ކަމުނުދާތާކު އިނދެވޭނަމަ ބަދަލުވާންވީއެވެ.

އެމީހެއްގެ މަޤާމު އެމީހަކު މިހާރު ކަނޑައަޅަންވީއެވެ!

-ނިމުނީ-

މަސްދަރު: ކަވާސާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް