ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ބޭނުން ވަނީ ރޮނާލްޑޯގެ ޔުވެންޓަސް އަށް ބަދަލުވާން ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.
މާސެލޯ މިހެން ބުނެފައި ވާ ކަމަށް ރިޕޯޓުތަށް ބުނާއިރު، ޔުވެންޓަސް އިން ދަނީ މާސެލޯ ހޯދުމަށް މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން މާސެލޯ ހޯދުމަށް އިންޓަ އާއި ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، ރެއާލުން އޮތީ އުމުރުން 32 އަހަރުގެ މާސެލޯ ވިއްކާލުމަށް ތައްޔާރަށެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ޓީމަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން މިހާރު އަންނަނީ މާސެލޯ ހޯދުމަށް ބިޑް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި މާސެލޯ ހޯދުމަށް 29 މިލިޔަން ޕައުންޑް ޚަރަދުކުރަން ޔުވެންޓަސްއިން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރެއާލުން މާސެލޯ ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ރެއާލާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އަދި ދެ އަހަރު އެބަ އޮތެވެ. އެގޮތުން މާސެލޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ. އަދި މާސެލޯ ވަނީ ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުން އޭނާގެ ނެތް ކަމަށް ވެސް ކުރިން ބުނެފައެވެ. އަދި އޭނާ ރިޓަޔާ ވާން ބޭނުންވަނީ ރެއާލްގައި ކަމަށްވެސް މީގެ ކުރިން ވަނީ ބުނެފައެވެ.
މާސެލޯއަކީ ދަނޑުން ބޭރުގައި ވެސް ރޮނާލްޑޯ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އެގޮތުން ރޮނާލްޑޯއަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ވެސް މާސެލޯދަނީ ރޮނާލްޑޯއަށް މަރްޙަބާ ކިޔަމުންނެވެ.
ބްރެޒިލްގެ ފްލެމިނީސް އިން 2007 ވަނަ އަހަރު ރެއާލަށް ބަދަލުވި މާސެލޯ ވަނީ ރެއާލް އިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއެކެވެ. މާސެލޯ ވަނީ ރެއާލްގައި ހުރެ މިހާތަނަށް 22 ތަށި އެތީމާއި އެކު ހޯދާފައެވެ. އަދި ރެއާލަށް މިހާތަނަށް 358 މެޗު ކުޅެދީފައިވާއިރު މާސެލޯ ވަނީ އެޓީމަށް 26 ގޯލު ވެސް ކާމިޔާބު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް