ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަޤާމްތަކަށް ދިވެހިން ގެނައުމަކީ އެންމެ ބޮޑު އަމާޒުކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ކޮންފެޑަރޭޝަން އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް، ސީ.ޓީ.އެޗް ޕްރޮގްރާމްތައް ކްލީކް ކޮލެޖުގައި ކިޔަވާދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ތަމްރީންތަކެއް ރާއްޖެއަށް އިފްތިތާހުކުރުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މިފަދަ ތަމްރީންތަކުގެ ސަބަބުން ޤާބިލް ޒުވާނުން މިދާއިރާއަށް ނެރުމަށް ފުރުސަތު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ އުއްމީދުކުރަނީ މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މެނޭޖަރުން، ސުޕަވައިޒަރުންގެ ރޯލުން ތަމްރީން ލިބިފައިވާ ދިވެހިން ފެންނަ މިންވަރު އިތުރުވުންކަމަށެވެ.
މިރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ކްލިކް ކޮލެޖްގެ ރައީސް، ޑރ ނައުޝާދު މުހައްމަދު ވިދާޅުވީ ކޮންފެޑެރޭޝަން އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީގެ ކޯސްތައް ކްލިކް ކޮލެޖުގައި އާއި އޮންލައިންކޮށް ކިޔަވައިދޭނެކެމަށެވެ.
ޑރ ނައުޝާދު ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ބޮޑެތި ޔުނިވާރިސިޓީތަކުން ޤަބޫލުކުރާ ކޮލިފިކޭޝަންތަކަކަށްވުމުން މިކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް، އެ ޔުނިވާރސިޓީތަކުގެ ޑިގްރީ ޕްރޮގްރާމްގައިވެސް ބައިވެރިވެ، ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ދާއިރާއިން ޔުނިވާރސިޓީ ޑިގްރީ ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
ސީ.ޓީ.އެޗްގެ ދަށުން ކްލިކް ކޮލެޖުން ކިޔަވައިދޭ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިކިފޭކަޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯސްތަކެކެވެ. ކްލިކް ކޮލެޖުން ވަނީ ޓުއަރިސްޓް ރިސޯރޓްތަކުގައާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަމުންވެސް މިކޯސްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
ސީ.ޓީ.އެޗް ނުވަތަ ކޮންފެޑަރޭޝަން އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމްއަކީ 1982 ވަނަ އަހަރުން ފެށިގެން ހޮސްޕިޓާލިޓީ އަދި ޓުއަރިޒަމްގެ ދާއިރާގެ ގޯލްޑް ސްޓޭންޑާރޑް ކޯސްތައް ހިންގާ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް