ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވައިގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ އަންނަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާދަމާ ހެނދުނު 8:00 ގައި ޖައްސާނެ އެވެ.
މާދަމާ ހެނދުނު އެންމެ ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓު ރާއްޖެ އަންނަނީ ގަތަރުގެ ވެރިރަށް ދޯހާއިން ނެވެ.
ދެވަނައަށް މާދަމާ ވީއައިއޭއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެކެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިން އަންނަ އެ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގައި އެވެ.
ދެން މާދަމާ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދާ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓު ރާއްޖެ އަންނާނީ މާދަމާ ރޭ 7:00 ގައި އެވެ.
މާދަމާ ތިން އިންޓަނޭޝަނަލް އެއާލައިނެއްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާއިރު އިތުރު އެއާލައިންތަކުން ބުރާސްފަތި ދުވަހުވެސް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި އޮމާން އެއާ އާއި މެލޭޝިއަން އެއާލައިންސް އަދި އިއްތިހާދު އެއާވޭސް ހިމެނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ވައިގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ. މިރޭ ދަންވަރު 12:00 އިން ފެށިގެން ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލާއިރު ޓުރިސްޓު ރިސޯޓުތަކަށް ގެސްޓުން ގެނެވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ޝެޑިއުލް ދަތުރުތައް ފެށުމުގެ ހުއްދަ މާދަމާ ދޭއިރު އެއާޕޯޓުގައި ހިދުމަތް ދޭނީ ނިއު ނޯމަލްގައި އެވެ. އެގޮތުން ނިއު ނޯމަލްގައި ހިދުމަތްތައް ދިނުމުގެ ހުރިހާ އިންތިޒާމެއް ހުރީ ހަމަޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް