ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 12 ވަނަ ދުވަހު އިއުލާނު ކުރީ ކޯވިޑް-19 އާއި ގުޅިގެންނެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު އެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ސޮއި ކުރައްވާ މިރޭ ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑަށް މީހަކު ޕޮސިޓިވްވީ ހަތެއް މާޗްގައި އެވެ. އޭގެ ފަހުން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނާއި ރާއްޖެެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި ދިވެހިންތަކެކެވެ.
މާލޭގައި ބަލި ފެތުރެމުންދާކަން އެނގުނީ އޭޕްރިލް 15 ގައި އެވެ. އޭގެ ފަހުން އަތޮޅު ތެރެއިންވެސް ބަލި ފެނިފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 2،302 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި 14 މީހަކު މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް