ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން އެދިއްޖެއެވެ.
ކޮވިޑާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާލާފައި ނުވާއިރު، ރާއްޖެއިން ވަނީ އިންޑިއާއާއެކު އެއާ ބަބުލް އެއް އުފެއްދުމަށް އެދިފައެވެ.
މި ހާއްސަ އިންތިޒާމުގެ ދަށުން ރާއްޖެއަށް ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއިން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކާއި ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ވަނީ ފްލައިޓުތަކާއި އިންޑިއާ އިން ފޮނުވި މަނަވަރުތަކުގައި އަނބުރާ ގައުމަށް ގެންގޮސްފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އިންޑިއާ މީހުން އެގައުމުގައި މިހާރު އެބަތިބި ކަމަށާއި މި ބަބުލްގެ ސަބަބުން އެގައުމުގައި ތިބި ނަރުހުންނާއި ޓީޗަރުންނާއި އެހެނިހެން ފަރާތްތަކަށް ފަސޭހައިން އާދެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މި އެއާ ބަބުލް ވެގެންދާނީ ނިއު ޒީލެންޑާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް ހަމަޖެއްސި ފަދަ އިންތިޒާމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް