ބަހުގެ ހަމަލާ ފުރަތަމަ ދެއްވީ ޑރ. ވަހީދު: އެމްޑީޕީ

އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހިނގާދިޔަ ކަންތަކުގައި އިސްވެ ބަހުގެ ހަމަލާ ދިނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީނ...

14 Jun 2020 | 16:57

އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހިނގާދިޔަ ކަންތަކުގައި އިސްވެ ބަހުގެ ހަމަލާ ދިނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކަށް ހަމަލާދިން ކަމަށް ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ ޕާޓީން ނެރެނު ނޫސްބަޔާނެއްގައެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އަދި އިސްލާޙީ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެލައްވާ އިބްރާހީމް ޖައުފަރު، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ހަމަލާދިން ކަމަށް ބުނެ މުޙައްމަދު ވަހީދު ޙަސަން މަނިކު ދައްކަވަމުން ގެންދަވާ ވާހަކަތައް މިޕާޓީން ހަރު އަޑުން ކުށްވެރި ކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށާއި މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކުރެވުނުހިނދު، “ޖިސްމާނީ ޙަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި އެ ޕާރޓީން ދެކޭ ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން އިބްރާހީމް ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވެއެވެ. އެގޮތުން އޭނާއަށް ލިބިލެއްވި އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވެއެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުގައި ހުންނެވިއިރު، އިބްރާހީމް ޖައުފަރަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަޙްޤީޤުކުރެވި އޭނާއަށް އިންސާފު ލިބިދެވިފައި ނުވާއިރު، އޭނާއަށް އެއަނިޔާތައް ކުރިމަތި ކުރުވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކާ މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއް ކަމަށެވެ.

އަދި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކުވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތެއް ކަމުގައިވެސް އެމްޑިޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް