ރައީސް ވަހީދަށް ގޯނާކުރުން ބަލައެއް ނުގަނެވޭނެ، ފިޔަވަޅު އެޅުމަށް ގޮވާލަން: ޖުމްހޫރީ ޕާޓީ

ކުރީގެ ރައީސް މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މިއަދު ހެނދުނު ސިޔާސީ އެކްޓިވިސްޓަކު ފުރައްސާރަކޮށް ގޯނާކުރިކަމަށް ބުނާ މައްސަލައިގާ އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ޖު...

14 Jun 2020 | 13:21

ކުރީގެ ރައީސް މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މިއަދު ހެނދުނު ސިޔާސީ އެކްޓިވިސްޓަކު ފުރައްސާރަކޮށް ގޯނާކުރިކަމަށް ބުނާ މައްސަލައިގާ އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ޖުމްހޫރީ ޕާޓީން ނޫސްބަޔާނެއް ނެރެފިއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ އިރުދެކުނު ކޮޅުގައި ކަސްރަތު ކުރައްވަން ނިކުމެވަޑައިގެން އުޅުއްވަނިކޮށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކު އެދެކަނބަލުންނަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ފުރައްސާރަކޮށް އެދެމަފިރިކަނބަލުންގެ ފަހަތްޕުޅުން ހިނގާ ގޯނާކުރި ކުރުން އެ ޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

"ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެކެވެ. ވީމާ މަދުބައެއްގެ ފަރާތުން ފެންނަ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް މިނިވަންކަމެއް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކުން ނިގުޅައިގަތުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އެހެންކަމުން މިފަދަ އަމަލެއް އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ކޮށްފިނަމަ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާ އަދި އެފަދަ ނޭއްގާނީ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓާ އާންމު މަސްލަހަތުތައް ހިމާޔަތްކޮށް ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ.


ގުޅޭ ލިޔުން: ވަހީދުގެ ދެކަނބަލުންނާއި އެމްޑީޕީގެ އެކްޓިވިސްޓަކު މަގުމަތިން ދިމާކޮށްލައިފި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް