ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ލ. ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ އައްޔަން ކުރައްވައިފި އެވެ.
މިދިޔަ ހަފްތާގައި މަޖިލީހުގައި އަމީނާއަށް ރުހުންދޭން ފެންނަކަމަށް 64 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ. އަމީނާ މަގާމަށް އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެވެ.
އަމީނާ އަކީ 2009 ވަނަ އަހަރުން ފެށިގެން ވީމީޑިއާގައި މަސައްކަތް ކުރަމުންދާ ނޫސްވެރި އެކެވެ. ދެ ފަހަރެއްގެ މަތިން މޯލްޑިވްސް މީޑީއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑު ހާސިލްކޮށްފައިވެ އެވެ.
އަމީނާ ވަނީ ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑީގްރީ ހާސިލް ކުރައްވާފައި އެވެ. އަދި އިސްލާމިކް ޔުނިވާސިޓީން މާސްޓާ ޑިގްރީ އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ހާސިލް ކުރައްވާފައި އެވެ.
އަމީނާ ބްރޯޑްކޮމްއަށް އައްޔަން ކުރުމާއި އެކު ކޮމިޝަނަށް މެންބަރުން ހަމަވީ އެވެ. އެ ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް