އައްޑޫ ސިޓީ ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓު ކުރަން ބޭނުން ކުރަން ފަށާފައިވަނީ ބަޔޯ ފަޔާ މެޝިނެކެވެ. މިއީ މާލެއިން ބޭރުގައި އަތޮޅު ތެރޭގައި ކޯވިޑަށް ޓެސްޓު ކުރަން ފެށި ފުރަތަމަ ރަށެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމްކުރި މެޝިނުން ދުވާލަކު 24 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ. މިހާރު ކުރަނީ އެ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
ކޯވިޑަށް ޓެސްޓު ކުރަން އެ ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުންނަށް ތަމްރީން ދީފައިވަނީ މާލެ ގެނެސްގެންނެވެ. އެ މީހުން ތަމްރީން ފުރިހަމަކުރުމަށް ފަހު އައްޑޫއަށް ގޮސް ކަމަށާއި މިވަގުތު ތިބީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި ކަމަށް ވިދާޅުވި އެވެ.
ބަޔޯ ފަޔާ މެޝިނެއްގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި ކޯވިޑަށް ޓެސްޓު ކުރަން ޕީސީއާރު މެޝިން ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ. މަބްރޫކް ވިދާޅުވީ އެ މެޝިންތައް އިންސްޓޯލްކޮށް 10 ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.
ޕީސީއާރު މެޝިންތަކުން ދުވާލަކު 100-150 އާއި ދެމެދުގެ އަދަދަކަށް ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ.
ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް