އަލުން މަސައްކަތް ފަށާއިރު ކަސައުޓީން ބަޖާޖު ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ!

ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓާލާފައިވާ އިންޑިއާގެ ފިލްްމު އިންޑަސްޓްރީގެ މަސައްކަތްތައް ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ވަނީ ދީފައި އެވެ. މިއާއި އެކު އިންޑިއާގެ މަޝްހޫރު ޑްރާމާ ސީރީސ...

14 Jun 2020 | 04:24

ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓާލާފައިވާ އިންޑިއާގެ ފިލްްމު އިންޑަސްޓްރީގެ މަސައްކަތްތައް ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ވަނީ ދީފައި އެވެ.

މިއާއި އެކު އިންޑިއާގެ މަޝްހޫރު ޑްރާމާ ސީރީސްތަކުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ދުވަހު މަސައްކަތް ފެށުމަށް ނިންމައި އެކަން ހާމަކުރި މަޝްހޫރު ޑްރާމާ ސީރީޒްތަކުގެ ތެރޭގައި "ކަސައުޓީ ޒިންދަކީގީ" "ކުމްކުމް ބާގްޔާ" "ނާގިން" ހިމެނެ އެވެ.

އެ ސީރީޒްތައް ކުރިޔަށް ގެންދާ ޕްރޮޑަކްޝަން ޓީމްތަކުން ހުރިހާ ތަރިންގެ ސިއްހީ ހާލަތު ދެނެގަނެ ކޯވިޑް ޖެހުނުތޯ ބަލައި ޓީމު ހަމަކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ސިއްހީ އެއްވެސް މައްސަލައެއް ނެތަސް "ކަސައުޓީ ޒިންދަގީކީ" ގައި ބަޖާޖުގެ ރޯލުން ފެނިގެންދާ ކަރަން ސިންގ ގްރޯވާ މަސައްކަތައް އެނބުރި ނުކުންނާކަށް އަދި ބޭނުމެއް ނުވެ އެވެ.

އެ ސީރީޒްގެ މަސައްކަތްތަކުގައި އުޅޭ މީހަކު މީޑިއާގައި ބުނެފައިވަނީ ކަރަން މަސައްކަތަށް ނުކުންނަން ބޭނުން ނުވަނީ ކޯވިޑް-19 ގެ ހާލަތު އިންޑިއާގައި ގޯސްވުމުން ކަމަށެވެ. އަދި ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ޝޫޓިންތަކުގައި ބައިވެރިވާން އަދި ދެވެން ނެތް ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެ އެވެ.

އެކަމަކު އަދިވެސް ކަސައުޓީގެ ޓީމުން ދަނީ ކަރަން އެއްބަސް ކުރުވޭތޯ މަސައްކަތް ކުރަމުން ކަމަށްވެ އެވެ. ކަސައުޓީގެ ޝޫޓިން އަލުން ފަށާއިރު ކަރަން އަކީ ވަރަށް މުހިންމު ތަރިއެކެވެ.

އެއީ މިއަހަރު ކުރީ ކޮޅު ކަސައުޓީ ބަލާ މީހުން މަދުވެ މަގުބޫލުކަން ދަށްވާން ފެށުމުން ކަރަން ތައާރަފުކޮށް ގެނައި ބަދަލާއި އެކު އެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާތީ އެވެ. އެހެންވެ ކަރަން ނުލައި ޝޫޓިންތައް ފަށައި ޝޯ ކާމިޔާބު  ކަމާއި އެކު ކުރިޔަށް ގެންދެވިދާނެ ކަމަށް ޓީމަށް ގަބޫލު ނުކުރެވޭތީ ކަމަށް ބުނެފައިވެ އެވެ.

އަލުން މަސައްކަތް ފަށާ ޝޯތަކަށް ޝޫޓިންތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް