ބޭންކް އޮފް މޯލްޑިވްސްގެ 350 ކަސްޓަމަރެއްގެ މައުލޫމާތު ޑާކްވެބް ނުވަތަ ޑީޕް ވެބްގައި ބަޔަކު ހާމަކޮށްފައިވާކަމުގެ ވާހަކަ ރޭގައި ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ދިވެހިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް މިކަން ވެގެން ދިޔައެވެ.
މިއާއެކު ބޭންކް އޮފް މޯލްޑިވްސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކްގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާކަމަށް ބޭންކަށް ފާހަގަކުރެވިފައިނުވާކަމަށާއި އާންމުވި 350 ކާޑެއްގެ މައުލޫމާތު އާއްމުވެފައިވަނީ އީކޮމާސް މާޗެންޓެއްގެ ފަރާތުން ކަމަށެވެ.
އަދި އެ ކާޑުތައް މިހާރު ބްލޮކް ކުރެވި އާ ކާޑުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.
މި ވާހަކައާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެތައް ގޮތަކަށް ވާހަކަ ދައްކަމުން އަންނައިރު، ކާޑުގެ މައުލޫމާތު އާއްމުވި ބައެއް ފަރާތްތަކުން އަންނަނީ އެ ފަރާތްތަކުގެ އެކައުންޓްތަކުން "ގޮތް ނޭނގޭ" ޓްރާންސެކްޝަންތައް ފެންނަން ހުރި ކަމަށްބުނެ އޭގެ ސްކްރީން ޝޮޓްވެސް ހާމަކުރަމުންނެވެ.
އެގޮތުން ހާމަކޮށްފައިވާ އެއް ސްކްރީން ޝޮޓް ތިރީގައި އެވަނީއެވެ.
ސްކްރީން ޝޮޓްގައި އެވާ ޓްރާންސެކްޝަނަށް 607 ރުފިޔާ 64 ލާރި ކަނޑާފައިއެވަނީ "އޮފީސްބިލްރެޕްސް.ކޮމް" ކިޔާ ކުންފުންޏަކަށެވެ. ދެން އެވަނީ އެ ކުންފުންޏަށް ގުޅޭނެ ނަމްބަރެވެ.
މިވާގޮތް ތަންކޮޅެއް ތިލަކޮށްލަދޭނަމަވެ. ޑައިރެކްޓްކޮށް https://officebilreps.com އަށް ވަދެގެން މިވާގޮތެއް ނޭނގިދާނެއެވެ. އެއީ އޮފީސްބިލްރެޕްސް އަދި މިފަދަ އެތައް ވެބްސައިޓްތަކަކީ ބަރަހަނާ ވެބްސައިޓްތަކާއި، ބަރަހަނާ ގޭމްތަކާއި ސްކޭމްތަކާއި އެފަދަ ނޭތްގާނީ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަންސް ބަލަހައްޓައިދޭ ފްރަންޓް އޮފީސް ފަދަ ތަންތަނެވެ. އެފަދަ ނޭތްގާނީ ހިދުމަތްތަކަށް ބިލުކުރާނީ މިފަދަ "ވައިޓް ލިސްޓެޑް" ބޭރަށް ފެންނަ ގޮތުގައި އެއްވެސް މައްސަލައެއް ނޫޅޭ ވެބްސައިޓްތަކުގެ ނަންނަމުގައެވެ. މިއީ "މާސްކް" އެކޭ ބުނެވިދާނެއެވެ.
ތިން ވައްތަރެއްގެ ސްކޭމްސް އާ މިވައްތަރުގެ ފްރަންޓް ވެބްސައިޓްތައް ގުޅިފައި ހުރޭ
މިފަދަ ވެބްސައިޓްތަކާއި ތިން ވައްތަރެއްގެ ސްކޭމްތަކާއި އާއްމު ގޮތެއްގައި ގުޅިފައި ހުރެއެވެ. އެއް ވައްތަރަކީ "ގެޓް ވެރިފައިޑް" ސްކޭމްސްތަކެވެ. އަނެއް ވައްތަރު ތަކަކީ "ފްރީ އެޑަލްޓް ގޭމްސް" ސްކޭމްތަކެވެ. އަދި ތިންވަނަ ވައްތަރަކީ "ކެމް ސްކޭމް" ތަކެވެ. މިފަދަ ގިނަ ސްކޭމްތަކުގައި ކާޑުގެ މައުލޫމާތު އެންޓާ ކުރުމަށް އެދެނީ 18 އަހަރު ފުރިފައިވާ ފަރާތެއްކަން ޔަގީން ކުރުމަށް ކަމުގައި ބުނެ އޮޅުވާލައިގެންނެވެ. އެހެން ނަމަވެސް މިފަދަ ސްކޭމެއްގެ ދަށުވެ، ކާޑުގެ މައުލޫމާތު އެންޓާ ކުރެވިއްޖެ ނަމަ އެއޮތޯ ގޯސް ހެދިފައެވެ. އެ ހިސާބުން ޓްރާންސެކްޝަންތައްވެސް އަންނާނެއެވެ. އަދި ކާޑުގެ މައުލޫމާތު ލީކު ވުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.
އެއްވެސް ހާލަތެއްގައި މި ދަންނަވަނީ އެ 350 މީހުންގެ ކާޑުގެ މައުލޫމާތު ހާމަވުމާއި ގުޅިފައިވަނީ ހަމަ އެކަނި ބަރަހަނާ ވެބްސައިޓްތަކާއެކޭ ނޫނެވެ. ބަރަހަނާ ނޫނަސް ތަފާތު އެކި ސްކޭމްތަކުގައި މިފަދަ "ފްރަންޓް" ވެބްސައިޓްތަކުގެ ބޭނުން ކުރެއެވެ.
ރައްކާތެރިކަން އޮތީ އިތުރަށް ހޭލުންތެރިވެ، އިތުރަށް ޒިންމާދާރުވެގެން
އިންޓަނެޓްގެ ހިދުމަތްތައް އިންތިހާއަށް ފުޅާވެފައިވާ މި ޒަމާނުގައި ވަރަށް ވިސްނުންތެރިކަމާއެކުގައި އަދި ތިމާ ހޭލުންތެރިވެގެން ނޫނީ ސަލާމަތެއް ނެތެވެ. ހެކަރުންނާއި ސްކޭމަރުން އެމީހުންނަށް ހޯދުނު ގޮތަކަށް ކާޑުތަކާއި ބޭންކްތަކުގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދައި އެފަދަ މައުލޫމާތުތަކުން ނާޖާއިޒް ފައިދާ ނަގަމުންދާނެއެވެ. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.
މިގޮތުން ކުރެވިދާނެ އެއް ކަމަކީ ސަބްސްކްރިޕްޝަން ބޭސްޑް، މަގްބޫލު އެންޓިވައިރަސް އެއް ބޭނުން ކުރުމެވެ. އާއްމު ގޮތެއްގައި މިފަދަ އެންޓިވައިރަސް ތަކުގައި ތިމާ ވަދެ އުޅޭ ވެބްސައިޓްތަކާއި ލިންކްތަކުގެ ރައްކާތެރިކަން ދައްކުވައިދީ ރިވިއު ދީފައި ހުންނާނެއެވެ. އަދި ގޯސް ލިންކަކަށް ދެވޭނަމަ ބްލޮކްވެސް ކުރާނެއެވެ.
އަނެއް ކަމަކީ ސީދާ ކާޑުގެ މައުލޫމާތު އެންޓާ ކުރާއިރު އެ ވެބްސައިޓަކީ ނުވަތަ އެ ހިދުމަތަކީ ރަނގަޅު އަދި ރައްކާތެރި ވެބްސައިޓެއް ނުވަތަ ހިދުމަތެއްތޯ ކުޑަކޮށް ހޯދާ ބަލާލުމެވެ. ހަމަ އާދައިގެ ގޫގަލް ސާޗަކުން އެކަން ދެނެގަނެވިދާނެއެވެ. އެ ވެބްސައިޓެއްގެ ނަން ޖަހާފައި އެއަށްފަހު ސްކޭމެއްތޯ ނުވަތަ ނޫންތޯ ގޫގަލްކުރެން އަހާލެވިދާނެއެވެ. އެއަށްފަހު އަންނަ ނަތީޖާތައް މަތި މަތިން ބަލާލިޔަސް އަސްލު ހާމަވާނެއެވެ.
ރައްކާވެ ތިބިއްޔާ ދަތުރެވެ. މި ފަދަ ކަންކަމުން އަހަރެމެންނަށް ސަލާމަތް ވެވޭނީ މުޅި މުޖްތަމައު އިތުރަށް ހޭލުންތެރި ވެގެންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ބިޔަ، ބޮޑު އިންޓަނެޓުން ފެންނަހާ އެއްޗަކަށް "ފޯލް" ވާން ވެއްޖެ ނަމަ ކާޑު ބްލޮކް ކޮށް އައު ކާޑެއް ލިބުނަސް އަދި ސަލާމަތެއް ނޯންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް