ސްކޫލްތަކުގައި ކިޔަވައިދޭނީ ހަތަދު ދުވަހު ހަތަރު ގަޑިއިރަށް

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑި އިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސ...

14 Jun 2020 | 01:26

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑި އިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ ހަފްތާއަކު ކިޔަވައިދޭނީ ހަތަރު ދުވަހު ކަމަށާއި އަނެއް ދުވަހަކީ ޓީޗަރުން ފިލާވަޅުތައް ތައްޔާރު ކުރުމަށް ހަމަޖައްސާފައިވާ ދުވަހެއް ކަމަށެވެ. ސްކޫލްތަކުގެ ކިޔެވުން ފަށައިގެންނަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ނިންމީ ޓީޗަރުންނާއި ދަރިވަރުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ނިންމާފައިވަނީ ސްކޫލްތައް ހުޅުވާއިރު ލޮކްޑައުންގައި އޮންނަ ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައި ނުދޭށެވެ، މޮނީޓަރިން ހާލަތުގައި ހުރި ރަށްތަކުގައި ކިޔަވައިދޭނީ ހަމައެކަނި ކީ ސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑް 11، 12)ގެ ދަރިވަރުންނަށެވެ.

އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑްތަކުގެ ކިޔެވުން ކުރިޔަށް ގެންދާނެ އެވެ.

ކިޔަވައިދޭ އުސޫލަށް ގެންނަ ބަދަލުތަކާއެކު ކޮންމެ ދުވަހަކު ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. ސްކޫލްގައި ކިޔަވައި ނުދެވޭ ބައިތައް ފުރިހަމަކުރަން ޖެހޭނީ ގޫގުލް ކްލާސްރޫމް މެދުވެރިކޮށެވެ. އަދި ކޮންމެ ދެ ހަފުތާއިން އެއް ހަފްތާގައި ޓީޗަރުންނަށް އޮންލައިން ކްލާސްތައް ވެސް ބާއްވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ކަންކަން ސްކޫލްތަކުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ހުރިހާ ދަރިވަރުން ވެސް ޓެލިކިލާހާއި އޮންލައިންކޮށް ބާއްވާ ކްލާސްތަކުގައި ބައިވެރިވާން ޖެހޭނެ އެވެ.

ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔެވުން ފަށާއިރު ސްކޫލަށް ދާން ޖެހެނީ މާސްކު އަޅައިގެންނެވެ. ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބެލުމާއި ބަލީގެ އަސަރެއް ހުރިތޯ ބަލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް