ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ކައިރީ އަހަރެންނާއި ތުއްތަ އިނީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި ނިމުނީއެވެ. އަހަރެންގެ ހިތަށް ތަދެއް އިޙްޞާޞް ކުރެވުނެވެ. އެހެނަސް އަހަރެން އެ ތަދުވެސް އެގަޑީގައި ތަޙައްމަލް ކުރީމެވެ. މިހާރު އެފަދަ ކަންތައްތަކުގައި ރުއިމަކީ ބޭކާރު ކަމެއްކަމުގައި އަހަރެންގެ ޒަމީރަށް، އަހަރެން ވިސްނާދިނީމެވެ.
+++++++++++++++++
އެރޭ އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ޒައިދާންގެ ހަނދާންތައް އަހަރެންނަށް އުނދަގޫ ކުރިއެވެ. އަހަރެން އެވާހަކަ ތުއްތަ ގާތުބުނީމެވެ. އެކަމާއި އެހާބޮޑަށް ނުވިސްނުމަށާއި، ކުރިމަގާމެދު ވިސްނުމަށް ތުއްތަ އަހަރެންނަށް އިރުޝާދު ދިނެވެ.
ޖެހިގެން އައި ސެޝަންގައި، ތެރަޕިސްޓްގާތުވެސް އަހަރެން އެވާހަކަ ބުނީމެވެ. މީހުންދެކެ ރުޅިއައިސްގެން މީހުންނާއި ވާހަކަ ނުދައްކާ ހުރުމަކީ އަހަރެންގެ މިޒާޖުގައި ހުންނަ ކަންކަން ކަމުގައިނުވާތީ، އަހަރެންގެ ގައިގައި ނެތްކަމެއް، އަހަރެންގެ ގައިގައި އަށަގެންނެވުމަށް މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ ނަފްސަށް އިތުރަށް އުނދަގޫވާނެކަމަށްވެސް ތެރަޕިސްޓް އަހަރެންގާތު ބުންޏެވެ. ފުންކޮށް ވިސްނާލިއިރު، އެއީ ތެދެއްކަން އަހަރެންނަށްވެސް ޤަބޫލުކުރެވުނެވެ. އޭރު އަހަރެންނަށް ނޭނގި ނަމަވެސް މަސައްކަތް ކުރެވެމުން އައީ، އެހެންމީހަކަށް ވުމަށެވެ.
ތެދަށް ބުނާނަމަ، ތުއްތަގެ އިރުޝާދާއި، 'ނުފޫޒު' ގެ ސަބަބުންނެވެ.
ހަ ހަފްތާގެ ތެރަޕީއަށްފަހު، އަހަރެން ކުރިއަށްވުރެ ވަރަށްބޮޑުތަން ރަނގަޅުވިއެވެ. އެހެނަސް، އަދިވެސް ޒައިދާންގެ ކަންތަކަށް ‘ކްލޯޝަރ’ އެއް ނާންނާތީ، ހިތަށް ހިތްހަމަ ޖެހުމެއް ލިބުމުކަމުގެ އިޙްޞާޞްއެއް ނުކުރެވެއެވެ.
ތެރަޕީވެސް ނިމުމާއެކު، އަހަރެން ވަޒީފާއަކަށް ދާން ބޭނުންވާ ވާހަކަ، ބޭބެ އާއި ތުއްތަ އަދި މަންމަ ގާތުވެސް ބުނީމެވެ. އެ އެންމެންވެސް އަހަރެން ވަޒީފާއަށް ދިޔުމަކާއި ދެކޮޅެއް ނޫނެވެ. އެހެނަސް، ރިޒޯޓް ވަޒީފާއަށް ދިޔުމަށް މަންމަ އެހާ ޤަބޫލު ނޫން ކަމުގައި ބުންޏެވެ. ބޭބެ އާއި ތުއްތަ، މަންމައަށް 'ކޮންވިސް' ކޮށްދިނުމުން، މަންމަވެސް ފަހުން އެކަމަކާ މާބޮޑުމައްސަލައެއް ނުޖައްސައެވެ.
އަހަރެން ރިޒޯޓަކަށް ދިޔުމަށް ނިންމީ، ޕޭސްޓްރީ ޝެފެއްގެ ވަޒީފާއަކަށް ދިޔުމަށެވެ. ރައްޓެއްސެއް މެދުވެރިކޮށް ލިބިފައިވާ އެ ވަޒީފާއެއް ގެއްލުވާނުލާން ވެގެންނެވެ. ވަޒީފާއަކަށް ދިޔުމުން އަހަރެންގެ މާހައުލު ބަދަލުވެ، އާމްދަނީއެއްވެސް ލިބޭނެތީއެވެ. އަދި ތުއްތަ ވިހަން ވާއިރަށް ކޮންމެވެސް ވަރަކަށް 'ސޭވް' ވެސް ކޮށްލަން ބޭނުން ވާތީއާއި، މަންމައަށްވެސް މާލީގޮތުން އެހީތެރިވެދިނުމުގެ ބޭނުމުގައެވެ.
++++++++++
އޭގެ ދިހަވަރަކަށް ދުވަސްފަހުން އަހަރެން ވަޒީފާއަށް ފުރީމެވެ. މުޅިން ތަފާތު މާހައުލެކެވެ. މާހައުލަށާއި، އާ ވަޒީފާއަށް ހޭނެން ވަގުތުކޮޅެއް ނެގިއެވެ. އެކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ރަގަޅެވެ. ޕޭސްޓްރީ ޝެފަކަށްވުން އެއީ އަހަރެން އަބަދުވެސް ކުރަން ބޭނުންވިކަމެކެވެ. ރިސޯޓުގެ މާހައުލަށް އަހަރެން މުޅިން ހޭނި، ރިސޯޓުގައި ލިބޭ ހުސްވަގުތު އަހަރެން އެހެން މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށް، ބިލިއާޑްފަދަ ކުޅިވަރު ކުޅެ ހަދަމެވެ.
މާލެއާއި ކައިރި ރިސޯޓެއްކަމުން، މާލެ އާދެވޭލެއްވެސް މަދެއްނޫނެވެ. އެކަމާވެސް އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ރިސޯޓުގައި އަހަރެންނާއި އެންމެ ގާތްކޮށް އުޅެނީ ފިލިޕީންސް މުވައްޒަފެއް ކަމުގައިވާ 'ރޯސާ' އެވެ. ރޯސާ އުޅެނީ ފްރަންޓް އޮފީހުގައެވެ. ޑިއުޓީ ނިންމާފައި އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ރޯސާއާއި އެކުގައެވެ.
ރޯސާއަކީ ވެސް ކުރިން ޑިޕްރެޝަން ގެ ބަލި ތަޙައްމަލު ކޮށްފައިވާ މީހެއްކަމުން، އޭނާވީ، އަހަރެން އޭރު ތަޙަންމަލް ކުރަމުން ދިޔަ ކަންކަން ވަރަށް ރަނގަޅަށް 'އަންޑަސްޓޭންޑް' ވި އެކަކަށެވެ. އެއީ، އަހަރެން ކަހަލަ 'ރިކަވަރ' ވުމަށް މަސައްކަތް ކުރަމުން އަންނަ މީހަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި އަހަރެން ދެކުނީމެވެ.
+++++++++++
ވަޒީފާގައި މަހެއް ހޭދަވެއްޖެއެވެ. އަހަރެންނަށް ދީފައިހުރި ބޭސް ހުސްވެއްޖެއެވެ. އަހަރެންގެ ތެރަޕީތައްވެސް ނިމިފައިވާތީ، އިތުރަށް ތެރަޕީ ދެން ނުނަގާ ފަރުޖެހޭނެ ކަމުގެ އުއްމީދު އަހަރެންނަށް އޮތެވެ. އެހެނަސް ޒައިދާންއާއި ޝިފޫއާއި ވާހަކަ ދައްކަން އަހަރެން ނިންމީމެވެ. ކޮންމެހެން ޒައިދާންގެ ޙަޔާތަށް އެނބުރި، ދިޔުމުގެ ބޭނުމުގައެއް ނޫނެވެ. ފަހުން ޒައިދާން އެވަރަށް އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތްކުރި އިރުވެސް އަހަރެން ޒައިދާންގެ ފޯނަށް ޖަވާބު ނުދިން ސަބަބާއި، މިހާތަނަށް ކަންތައްވީ ގޮތް ޒައިދާންއަށް ކިޔައިދިނުމަށެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޝިފޫ އަދި ޒައިދާންއާއި އިންނަން ބޭނުންވިނަމަވެސް، ޒައިދާން އެކަން ކުރަން ބޭނުން ނުވާހާ ހިނދަކު އެކަމެއް ކުރިއަކަށް ނުދާނެއެވެ. ދޮށީ ޢުމުރުގެ މީހުން ބުނާފަދައިން 'އެއް އަތް ތެޅިއަކަސް އަޑެއް ނުކިޔާނެ' ތާއެވެ. ވީމާ، ކޮންމެހެން ޝިފޫ އެކަނި މީގައި ކުއްވެރިކޮށް، އެކަމުން އަރާ ނުގަނެވިގެން އުޅެން ނުޖެހޭ ކަމުގައި އަހަރެން ނިންމީމެވެ.
++++++++++++++++++
އަހަރެން އޮފް ދުވަހަށް މާލެ އައިސް، ޒައިދާންއަށް މެސެޖެއްކޮށް ދިމާވެލަން ބޭނުންވާކަމަށް ބުނީމެވެ. އަދި ޒައިދާންވެސް ދިމާވާން އަންނާނެކަމުގައި ބުންޏެވެ. ހުޅުމާލޭގެ ބީޗްގެ ހިތްފަސޭހަ މާހައުލުން އަހަރެން ޒައިދާންއާއި ބައްދަލުކުރީމެވެ.
" ޒައިދާން.. ކިހިނެތް..!" އަހަރެން ފެށީމެވެ.
"ރަނގަޅު ދޯ ދެން..! ޒައިދާން ބުންޏެވެ.
"ތޭންކްސް އިނގޭ އައިސްދިނީމަ..! ޒައިދާންގެ ފޯނުތަކަށްވެސް ޖަވާބު ނުދެވުނީމަ، އޭރު ކަންތައް ހިނގާދިޔަގޮތް ޒައިދާންއަށް ކިޔާލަދީ، އަސްލު މީތި 'ކްލޯސް' ކޮށްލަން ބޭނުންވަނީ..!"
މިހެން ބުނުމަށްފަހު، އަހަރެން މެލޭޝިޔާއިން ފުރައިގެން މާލެ އައި ދުވަހުން ފެށިގެން އެދުވަހާއި ހަމައަށް، ކަންތައް ހިނގާ ދިޔަ ހުރިހާކަމެއް ޒައިދާންއަށް ކިޔައިދިނީމެވެ.
އަހަރެންގެ ވާހަކަތައް އަޑު އަހާފައި، ޒައިދާން ވަރަށް ދެރަވިކަމުގައި ބުންޏެވެ.
އެހެނަސް، އަހަރެން އެވާހަކަތައް ޒައިދާން ގާތު ދެއްކީކީ ޒައިދާންގެ ‘ސިމްޕަތީ’ ހޯދުމަށް ނޫންކަމަށާއި، ރައްޓެހިވެގެން އުޅެ ކައިވެންޏެއްވެސް ކޮށްފައިތިބި ދެމީހުންނަށްވާތީ، ރުޅިހަދާފައި އެހެން ހުންނަން ބޭނުން ނުވާތީ، ކަމުގައި ވެސް އަހަރެން ބުނީމެވެ. އަދި އަހަރެން 'މޫވް އޮން' ކުރި ވާހަކަވެސް އަހަރެން ބުނީމެވެ.
ޒައިދާންގެ ވާހަކަތަކުން ޒައިދާން އަދި ޝިފޫއާއި ކައިވެނި ނުކުރާކަމާއި، އޭރުވެސް އިފާ ދޫކޮށްލަން ބޭނުން ނުވާކަމުގައި ބުންޏެވެ.
ދެން އެވާހަކަ ދެއްކުމުގެ މާނައެއް ނެތްކަމާއި، އެއްވެސް މީހަކާއި ދެއަތްބައް އިންނަން ވިސްނާފައި ނުވާނެ ކަމާއި، އެއްވެސް މީހެއްގެ ދޮށީއަތްބެއްގެ ގޮތަށްވެސް އިންނަން ވިސްނާފައިނުވާނެތީ، އެއިރު އެ ނޫން އެހެން ޑިޒިޝަނެއް ނެގެން ނެތީކަމުގައި އަހަރެން ބުނީމެވެ. އަދި ކުރިންވެސް ވިސްނާފައި އިންފަދައިން، ޝިފޫއާއި އެކު ދެން ކުރިއަށް ދިޔުމުގައި އަހަރެންގެ އެއްވެސް މައްސަލައެއްވެސް ނެތްކަމަށާއި، ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތްކަމުގައި ބުނީމެވެ. ސަބަބަކީ، މީހުންދެކެ ރުޅިއައިސްގެން ހުރުމަކީ އަހަރެންގެ މިޒާޖުގައި ހުންނަކަމެއް ނޫން ކަމުގައިވާތީއެވެ.
އެދުވަހުގެ ބައްދަލުވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަހަރެންނަށް ދުވަހަކުވެސް ކުރެވޭނެކަމަށް ހީނުކުރާކަމެއް ކޮށްނިންމާލެވުނީތީއެވެ. އެއްވެސް ވަރަކަށް ދެރަ ނުވެއެވެ. ޙަޔާތުގައި އެ ދިމާވި ކަންތައް ފުރަތަމަ ފަހަރަށް އަހަރެންނަށް 'އެކްސެޕްޓް' ކުރެވުނެވެ. ތެރަޕިސްޓް ވިދާޅުވި ފަދައިން އަހަރެންގެ ހިތާއި ނަފްސަށް 'ތަސައްލީ' އެއް ލިބުނެވެ. ޒައިދާން އާއި އަހަރެންގެ ‘ޗެޕްޓަރ’ ނިމުނުކަމުގެ ޔަޤީންކަން އަހަރެންނަށް ލިބުނީމައެވެ.
++++++++++++
އޭގެ 10 މަސް ފަހެވެ.
މިހާރު އަހަރެންނަކީ، ކުރީގެ އިފާ އެއް ނޫނެވެ. ތަފާތު އިފާ އެކެވެ. ވިސްނުންވެސް ތަފާތެވެ. ‘އެބިއުޒް’ އާއި މުޅިން ދެކޮޅެވެ. ‘ޑިޕްރެޝަން ސަޕޯޓް ގްރޫޕް’ އެއްގައިވެސް އަހަރެން މަސައްކަތް ކުރަމެވެ. އަހަރެންގެ ތަޖްރިބާ، ޑިޕްރެޝަން ތަޙައްމަލް ކުރަމުންދާ މީހުންނާއި ޙިއްސާ ކުރަމެވެ. އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުވެސް އުފުލަމެވެ. އަންހެނުން ބާރުވެރިކުރުމާއި، އަންހެނުން ފިރިހެނުންނަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ގޮވާލާ، ހިލޭ ސާބަހަށް ކުރެވޭ ގިނަ ކަންކަމުގައި، ވަގުތު ވީވަރަކުން އަހަރެން ބައިވެރިވެ، އަޑު އުފުލަމެވެ. އަފްސަލް އާއި ޒައިދާން އަހަރެން މި ހުރިހާ ކަމަކަށް ހޭލުންތެރިކުރުވައިފިއެވެ. އެމީހުންނާއި ދިމާވެ އެ ހުރިހާ ތަޖްރިބާއެއް ކުރަން ނުޖެހުނުނަމަ، އަދިވެސް އަހަރެން ހުރީހީ ހަމަ ކުރީގެ އިފާގެ ގޮތުގައެވެ.
އަދިވެސް އަހަރެންމީ ހަމަ އެ ރިސޯޓްގެ އެއް ޕޭސްޓްރީ ޝެފެވެ. ކުޑަކުޑަ ލޯބި ލޯބި 'ނީސް' އެއްގެ 'ދޮންތަ' އެވެ. އާނ އެކެވެ. ރިމްޝާ ރާކިން (ރިމްކޮ) އަކީ މިހާރު އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އަހަރެން އެނބުރި އައީއެވެ. ކުރިއަށްވުރެ ‘ސްޓްރޯންގް’، ކުރިއަށް ވުރެ ‘ހިތްވަރުގަދަ’ އަދި ކުރިއަށްވުރެ ‘އިންޑިޕެންޑެންޓް’ މީހެއްގެ ގޮތުގައެވެ.
(ނިމުނީ)
ކިޔުންތެރިންނަށް ވާހަކަ ކަމުދިޔަ ކަމުގައި އުންމީދުުކުރާ ހާލު، ޝުކުރިއްޔާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް