ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވެމުން އަންނައިރު އެ ބޭންކްގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާކަމަށް ބޭންކަށް ފާހަގަކުރެވިފައިނުވާކަމަށް އެ ބޭންކުން ބުނެފިއެވެ.
އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު މިފަދަ ގޮތަކަށް އާންމުވާ ހާލަތުގައި ޑާރކް ވެބްގައި މި މައުލޫމާތުތައް ހާމަކޮށްފައި ހުންނަކަން ފާހަގަކޮށް ބީއެމްއެލްއިން ބުނެފައިވަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ކާޑު އެސޯސިއޭޝަންތަކާއެކު ބޭންކުން އަބަދުވެސް މޮނިޓަރކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް ބީއެމްއެލްގެ ކާޑު ޕާރޓްނަރއަކުން ވަނީ މިދިޔަ ބުރާސްފަތިދުވަހު މި ބޭންކަށް އަންގާފައެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނޭ، މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރޭ" މިކަމާއި ގުޅޭގޮތުން ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައި ކަމަށާއި އަދި އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް