ބަންގްލަދޭޝްގެ 500 މީހަކު ހޮނިހިރު ދުވަހު ފޮނުވާލަނީ

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން ބަންގްލަދޭޝްގެ500 މީހަކު ހޮނިހިރު ދުވަހު އަނބުރާ ފޮނުވާލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅު...

14 May 2020 | 17:48

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން ބަންގްލަދޭޝްގެ500 މީހަކު ހޮނިހިރު ދުވަހު އަނބުރާ ފޮނުވާލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިމަހުގެ16 ވަނަ ދުވަހު ބަންގްލްދޭޝް މީހުން ގެންދަން ދެ ފްލައިޓެއް ބާއްވާނެ ކަމަށެވެ. އެ ފްލައިޓުތައް ބާއްވަނީ މޯލްޑިވިއަން އާއި އޮމާން އެއާވޭ ގުޅިގެން ކަމަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާ މިދިޔަ ހަފްތާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ކުރިޔަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ1،500 މީހުން އަނބުރާ ގައުމަށް ފޮނުވާލާނެކަމަށެވެ. އަދި އެކަން ކުރަނީ އެ ގައުމުގެ ސަރުކާރާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތުގެ ދަށުން އެގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި68 މީހަކު ވަނީ ފޮނުވާލާފައި އެވެ. އެ ދުވަހު ފޮނުވާލަން އުޅުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ވައިރަސްއަށް ޕޮސިޓިވް ވެގެން ފޮނުވޭ ގޮތް ނުވެފަ އެވެ.

ކޯވިޑް-19 އެންމެ ބޮޑަށް ރާޢްޖޭގައި ފެތުރެމުންދަނީ ބަންގްލަދޭޝް މީހުންގެ މެދުގައި އެވެ. އެގޮތުން މިހާތަނަށް ބަންގްލަދޭޝްގެ524 މީހަކަށް މިބަލި ޖެހިފައިވެ އެވެ. އަދި މަރުވި ހަތަރު މީހުންގެ ތެރޭގައިވެސް ބަންގްލަދޭޝްގެ މީހަކު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް