ޓެސްޓް ކެޕޭސިޓީ ދަށަސް، ސާޖެއް އަތުވެއްޖެ ނަމަ އެނގޭނެ: ޑރ. އަފްޒަލް

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭލެއް މަދުވިޔަސް ސާޖެއް އަތުވެއްޖެ ނަމަ އެނގޭނެ ކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި...

14 May 2020 | 17:31

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭލެއް މަދުވިޔަސް ސާޖެއް އަތުވެއްޖެ ނަމަ އެނގޭނެ ކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެކަން އެނގޭނެ އެހެން ގޮތްގޮތް އެބަ ހުރި ކަމަށެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ދައްކާ އަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދާއި ފުއްޕާމޭގެ ބަލިތައް އިތުރުވެގެންދާނެ ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން އަންދާޒާ ކުރިވަރުގެ ސާޖެއް ނާންނަ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަންދާޒާ ކުރިވަރުގެ ސާޖެއް ނާންނާނެ ސަބަބާއި ގުޅޭގޮތުން ޑޮކްޓަރު ވިދާޅުވީ މާލެ ލޮކްޑައުންގައި އޮތުމަކީ މައިގަނޑު ސަބަބު ކަމަށެވެ.

އެގޮތުން މިހާރު ޕޮސިޓިވް މީހުންގެ ގޮތުގައި ފެންނަ މީހުންގެ ގުޅުން ހުރި މީހުންގެ އަދަދު މަދުވުމާއި، ލޮކްޑައުންގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުން އެ ސާޖު ކުޑަކުރެވޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުން ދާއިރު ރައްޔިތުުންވެސް މި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ހޭނޭނެ ކަމަށާއި ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާއިރު ވައިރަހަށް ރައްކާތެރިވެ، ގައިދުރުކަން އިސްކޮށް، ސާފުތާހިރުވުމަށް ސަމާލުކަންދޭ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސްއެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ 98 ކޭސްއެވެ. އެފަހުން ރައްޖޭގެ ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އުޅެނީ 50 އާއި 25 އާ ދެމެދުގައެވެ.

އެޗްޕީއޭއިން ކޮށްފައިވާ ދިރާސާތަކަށް ބަލައި މިދިޔަ ހަފްތާގައި ބުނެފައިވަނީ ޓެސްޓިން ކެޕޭސިޓީ ނެތަސް މިމަހުގެ31 ވަނަ ދުވަހު ރާއްޖެއިން1،600 މީހަކަށް އެ ދުވަހު އެކަނި ބަލި ޖެހޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން982 މީހަކަށް ވައިރަސް ޖެހިފައިވާއިރު ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. މި ބަލިން މިހާތަނަށް40 މީހަކު ރަނގަޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް