ރާއްޖެއިން ލިބެން ނެތް "ކްރިޓިކަލް މެޑިސިން"ގެ ގޮތުގައި ހިމެނޭ ބޭހުގެ ބައެއް ބާވަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް، އެބޭސްތައް ހޯދުމުގައި ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ކޯވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ގިނަ ޤައުމުތަކެއް ލޮކްޑައުންގައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ "ކްރިޓިކަލް މެޑިސިން" ހޯދަން ބޭނުންވާ ފަރާތްތަކުން، އެބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައިވެސް، މި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެއެވެ.
"މި ޚިދުމަތަކީ ލޮކްޑައުންގެ ސަބަބުން ދިވެހިންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތެއްކަމުން ފޮރިން މިނިސްޓްރީއިން ފޯރުކޮށްދެމުންދާ ޚިދުމަތެއް. ރާއްޖެއިން ލިބެން ނެތް، ޒަރޫރީ ބޭސްތައް ރާއްޖެއަށް ގެނައުމަށްޓަކައި ބޭސް ގަންނަ ފަރާތުން އަޅުގަނޑުމެންގެ އިންޑިއާ، ލަންކާ އަދި ތައިލެންޑްގައި ހުންނަ މިޝަންތަކަށް ގެންގޮސްދިނުމުން، އެތަކެތި ރާއްޖެއަށް ގެނެސް، ވެރިފަރާތާ އަޅުގަނޑުމެން ހަވާލުކުރާނަން. މިޝަންތަކަށް ބޭސް ހަވާލުކުރުމުގައި ބޭސް ބަންދުކޮށްފައި ހުންނަ ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަވާލުކުރާ ފަރާތުގެ ޒިންމާއެއް. އަދި ބޭސް ފޮނުވާއިރު އެކަކަށްވުރެ ގިނަ މީހުންނަށް ބޭނުންވާ ބޭސްތައް އެއް ޕެކިންއެއްގައި ނުބެހެއްޓުން މުހިއްމު. ބޭސްގެނައުމާއި އަދި ހަވާލުކުރުމުގައި މޯލްޑިވިއަން ، މޯލްޑިވްސް އެއަރޕޯޓްސް ކޯންޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޮލިސްސާވިސް އަދި މޯލްޑިވްސް ރެޑްކުރެސެންޓުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރުދަންނަވަން". ކްރިޓިކަލް މެޑިސިން ގެނެސްދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް 78 ފަރާތަކަށް ކޮންމެހެން ބޭނުންވާ ބޭސްތައް، ރައްޖެއިން ނުލިބިގެން ރާއްޖެއިން ބޭރުން ގެނެސްދެވިފައިވާނެ ކަމަށާއި ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި ރާއްޖެއިން ބޭރުން ދިވެހި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭސްތައް ގެނެސް، އެބޭސްތައް ވެރި ފަރާތާއި ހަވާލުކުރުމުގައި، އެބޭހަކީ ރާއްޖެއިން ލިބެން ނުހުންނަ އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބޭސް ސިޓީ ނެތް ބޭސްތައް މި އުޞޫލުގެ ދަށުން ގެނެސްދޭ ގޮތަށް ހަމަޖެހިފައިނުވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ބޭސްތައް ގެންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރަން ވާނެއެވެ. އަދި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭހާ އެއްކޮށްފައި ނުބެހެއްޓުމަށްވެސް ސަމާލުކަން ދޭންވާނެއެވެ.
މިމަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި، ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް