މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެން ވަދެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑިއެފް ސަދަން އޭރިއާގެ ފަޔާ އެންޑް ރެސްކިއުއިން ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުތަކުން ޕަންޕު ޖަހައިގެން ފެން ހިއްކަމުންދާއިރު ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހެފި ނަމަ ގޭގެއަށް ފެންވަނުމަކީ އާންމު ކަމެކެވެ. މިކަން ހައްލު ކުރުމަށް ދުރާލާ ފިޔަވަޅެއް ނޭޅިއަސް ފެން ބޮޑުވުމުން އެކަން ކޮންޓްރޯލް ކުރުމަށް ގޭގޭ ތެރެއިން ފެން ހިންދާ ފެން ނުވަންނާނެ ގޮތް ހަދަން ވެލި ބަސްތާ ޖަހަ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާއިރު މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ. އެގޮތުން އިއްޔެއިން ފެށިގެން އައްޑޫ ސިޓީ ހިމެނޭގޮތަށް ދެކުނުގެ ގިނަ އަތަޮޅުތަކަކަށް އޮތީ ޔެލޯ އެލާޓު ނެރެފައި އެވެ.
ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ސަލާމާތް ވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި ދެކުނުގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް