ރާއްޖެއިން ދިޔަ އިންޑިއާ ދެ މީހަކު ޕޮސިޓިވްވި ކަމެއް ޔަގީނެއް ނޫން: މަބްރޫކް

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން އެންބުރި ގައުމަށް ގެންދިއުމަށް ބޭއްވި ފުރަތަމަ މަނަވަރުގައި އިންޑިއާއަށް ދިޔަ ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ކަން ރަސްމީ އެއްވެސް ފަރާތަކުން ނާންގާ ...

14 May 2020 | 09:48

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން އެންބުރި ގައުމަށް ގެންދިއުމަށް ބޭއްވި ފުރަތަމަ މަނަވަރުގައި އިންޑިއާއަށް ދިޔަ ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ކަން ރަސްމީ އެއްވެސް ފަރާތަކުން ނާންގާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގެ ޓްރިޗީ ސަފްހާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއީ ކޮއިމްބަތޫރުން ޓެސްޓްކުރި އިރު ޕޮޒިޓިވްވި ދެމީހެކެވެ. އަދި އެއީ ރާއްޖެއިން ދަތުރުކުރި ދެމީހެއް ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާ ދެމީހަކު ޕޮސިޓިވްވި ހަބަރު ފެނިފައިވަނީ ނޫސްތަކުން ކަމަށެވެ. އަދި އެ ދެމީހުންނަކީ ރާއްޖެއިން ދިޔަ ދެމީހުންކަން މިހާތަނަށް ކަށަވަރުވެފައި ނުވާ ކަމަށެވެ.

އެ ދެމީހުންނަކީ ރާއްޖެއިން ދިޔަ ދެމީހުންތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އިންޑިއާގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަން ދިވެހި ސަރުކާރަށް ކަށަވަރުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ވަޒިފާ ގެއްލުނު ފަރާތްތަކާއި މާބަނޑު މީހުންނާއި އެނޫންވެސް ސިއްހީ ފަރުވާއަށް މިވަގުތު ގައުމަށް ދާން ޖެހިފައި ތިބި މީހުން ގެންދިއުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ވަނީ ފަށާފައި އެވެ. އެގޮތުން މިހާތަނަށް ދެ މަނަވަރުގައި މީހުން ގެންގޮސްފައިވާއިރު ޖުމްލަ898 މީހަކު ވަނީ އަނބުރާ ގެންގޮސްފައި އެވެ.

މާދަމާ އިތުރު ދަތުރެއް ކަނޑުމަގުން އިންޑިއާ މީހުން ގެންދިއުމަށް ކުރަން ހަމަޖެހިފައިވެ އެވެ. އެ ދަތުރުގައި ގެންދިއުމަށް ހަމަޖެހިފައިވަނީ ކެރެލާ ސްޓޭޓާއި މަލިކަށް ނިސްބަތްވާ މީހުން އެކަންޏެވެ.

އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުން ރާއްޖެއިން ގެންދިއުމަށް ހަމަޖެހިފައިވަނީ ވައިގެ މަގުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި50 އަށްވުރެ ގިނަ އިންޑިއާ މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް