ލޮކްޑައުނާއި ހިލާފުވެގެން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ގަވައިދުތަކާއި ހިލާފުވެގެން200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގަ...

14 May 2020 | 06:37

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ގަވައިދުތަކާއި ހިލާފުވެގެން200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ މާލެއިން އަށް މީހަކު ހައްޔަރުކޮށްފައިވާއިރު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ވިލިމާލެއިން އެއްވެސް މީހަކު އިއްޔެ ހައްޔަރެއް ނުކުރެ އެވެ.

މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހުގެ15 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް207 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރު ކުރި189 މީހަކާއި ހުޅުމާލެއިން ހައްޔަރު ކުރި16 މީހެއްގެ އިތުރުން ވިލިމާލެއިން ހައްުޔަރު ކުރި ދެ މީހެކެވެ.

ލޮކްޑައުނާއި ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު ވަނީ3824 އަށް އަރާފައި އެވެ. އިއްޔެގެ ނިޔަލަށް މާލެއިން3287 މީހަކު ޖޫރިމަނާކޮށްފައިވާއިރު ހުޅުމާލެއިން449 މީހަކު އަދި88 މީހަކު ވިލިމާލޭގައި ގަވައިދާ ހިލާފަށް މަގުމައްޗަށް ނުކުމެގެން ޖޫރިމަނާ ކޮށްފައިވެ އެވެ.

އިއްޔެ އެކަނިވެސް ލޮކްޑައުނާއި ހިލާފުވެގެން11 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. އެއީ މާލެއިން96 މީހަކާއި ހުޅުމާލެއިން16 މީހަކު އަދި ވިލިމާލެ އިން ދެ މީހެކެވެ.

ލޮކްޑައުން އަމުރާއި ހިލާފަށް މަގުމައްޗަށް ނުކުމެ އުޅޭ މީހުން ފުރަތަމަ ފަހަރު ކުރަނީ1،000 ރުފިޔާއިން ޖޫރިމަނާ އެވެ. އޭގެ ފަހުގައި ތަކުރާރު ކުރާނަމަ އެމީހަކު ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

މާލޭ ސިޓީގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ލޮކްޑައުންކޮށް ކާފިއު ހިންގަމުންދާތާ މާދަމާއަށް މަހެއްވާނެ އެވެ. ރޭ އެޗްޕިއޭއިން ވަނީ ލޮކްޑައުންގެ މުއްދަތު މިމަހުގެ28 ގެ ނިޔަލަށް އިތުރު ކުރަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް