ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ހަތް މީހަކު ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިގެން ހޯދަމުން ދަނިކޮށް އޭގެ ތެރެއިން ހަތަރު މީހަކު ފެނިއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި އެ ހަތް މީހުން ޕޮސިޓިވްކަން އެނގުމާއި އެކު އެމީހުން ދީފައިވާ ނަމްބަރަށް ގުޅިކަމަށެވެ. އެކަމަކު ފޯނުން ނުގުޅޭ ކަމަށާއި އެމީހުން ދީފައިވާ އެޑްރެސްތަކުންވެސް އެމީހުން ފެނިފައި ނުވާ ކަމަށެވެ.
އެ ހަތް މީހުންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ސައްހަ ވޯކް ވިސާ އޮތް ހަތަރު މމީހުންނާއި ގަވައިދާ ހިލާފަށް އުޅޭ ތިން މީހުން ހިމެނެ އެވެ. ފެނިފައިވަނީ ވޯކް ވިސާ އޮތ،ް އެމީހުންގެ މަސައްކަތް ކުރާތަނުގެ އެޑްރެސް ދީފައިވާ މީހުންނެވެ.
މަބްރޫކް ވިދާޅުވީ އެމީހުން ހޯދައި ދިނުމަށް އެޗްޕީއޭއިން ފުލުހުންނަށް އެންގުމުން ކުރި މަސައްކަތުން ހަތަރު މީހަކު މިހާރު ފެނިފައިވާ ކަމަށެވެ. އަނެއް ތިން މީހުން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން ނުފެނި ގިނަ ދުވަސް ވުމުގެ ކުރިން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން މައުލޫމާތު އާންމުކޮށް އެމީހުން ހޯދަން އިއުލާނު ކުރާނެ ކަމަށެވެ.
ފެނުނު ހަތަރު މީހުންގެ ތެރެއިން އެކަކު ހާލު ސީރިއަސްވެ ޓްރީ ޓޮޕް ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ. މިކަން މިރޭ މަބްރޫކް ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު އެމީހާ ވެންޓިލޭޓަރަށް ލައި ފަރުވާ ދޭން ފެށީ ކޮން އިރަކު ކަމެއް ވިދާޅެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި މި މީހާ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށީ މިމަހުގެ10 ވަނަ ދުވަހު އެވެ. އެއީ އެ ދުވަހު އެޗްޕީއޭއިން ވަނީ އެއްވެސް ކްލަސްޓާ އަކާއި ގުޅުން ނެތް54 އަހަރުގެ ބިދޭސީއަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފައި އެވެ. އެކަމަކު އެ ކޭސް އާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް އެ ދުވަހު އެޗްޕީއޭއިން ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ވައިރަސް އަށް955 މީހަކު ޕޮސިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ. މި ބަލިން40 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް