ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 އަށް އިތުރު ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 އާއި ހަމައަށް އިތުރުކޮށްފި އެވެ. ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރ...

13 May 2020 | 19:21

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 އާއި ހަމައަށް އިތުރުކޮށްފި އެވެ.

ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މި މުއްދަތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން އަދި މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުން މަނާވާނެ ކަމަށެވެ. ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި މި ނިންމުންތަކަށް އެޗްޕީއޭއިން ބޭނުންވެއްޖެ ހިނދެއްގައި ބަދަލު ގެނެވޭނެ ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.

މި އެންގުމުގައި އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުންނެވެ. އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުންގެ އިތުރުން ފުލުހުން ހުއްދަ ދީފައިވާ ފަރާތްތަކެވެ.

މާލެއިން ކޯވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން ފުރަތަމަ ލޮކްޑައުން ކުރީ އޭޕްރިލް މަހުގެ15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭޕްރިލް17 ވަނަ ދުވަހު މުއްދަތު އިތުރު ކުރުމަށް ފަހު އެ މުއްދަތު ހަމަވެގެން ލޮކްޑައުންގެ މުއްދަތު އެންމެ ފަހުން އިތުރު ކުރީ މިދިޔަ މަހުގެ30 ވަނަ ދުވަހު14 ދުވަހުގެ މުއްދަތަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ގެ ކޭސްއެއް ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހު އެވެ. މިހާތަނަށް955 މީހަކު ވައިރަސްއަށް ޕޮސިޓިވްވެފައިވެ އެވެ.

މި ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު40 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް