ރޮޒައިނާ ހިއްސާވާ ކުންފުންޏަށް ކްލިނިކް ހިންގަން ހުއްދަ ދިނުމުގައި ކޮރަޕްޝަނެއް ނެތް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިއްސާވާ ކުންފުންޏަކަށް ހުޅުމާލޭގައި ކްލިނިކެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޓީ ކޮރަ...

14 Apr 2021 | 11:18

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިއްސާވާ ކުންފުންޏަކަށް ހުޅުމާލޭގައި ކްލިނިކެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު"ގެ ނަމުގައި ކްލިނިކެއް ހިންގަން އޭނާ ހިއްސާވާ ކުންފުނި ޑީވައިއެމް އާއި ހަވާލު ކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުފޫޒު ފޯރުވައިގެން ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު މިދިޔަ މަހުގެ ހަ ވަނަ ދުވަހު ވިދާޅުވީ ފައްޔާޒު ނުފޫޒު ފޯރުވައިގެން އެކަން އެގޮތަށް ކުރިޔަށް ގެންދިޔަ ނުދެއްވާނެ ކަމަށެވެ.

މި މައްސަލަ އޭސީސީން ތަހުގީގު ކުރީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.

އޭސީސީސން މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކްލިނިކު ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އެޗްޑީސީންކުރި ދެ އިވެލުއޭޝަންގައި ވެސް ދެ ފަހަރު ދެ ގޮތަކަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ އަލުން އިވެލުއޭޝަން ފުރިހަމަކޮށްގެން ކުރިއަށް ގެންދަން ފެންނަ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަމުގައި ގަސްތުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބިދީފައިވާކަން އޭސީސީގެ ތަހުގީގަށް ފާހަގަ ވެފައި ނުވާކަމަށް ބުނެފައިވެ އެވެ. އަދި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައެއް ނުވާކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައިގަ އެ ދުވަސްވަރު ރޮޒައިނާ ވިދާޅުވީ ބިޑް ކާމިޔާބުކޮށް ނުވަތަ ވިޔަފާރި ކުރުމަށް އިކޮނޮމިމް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެހީތެރިކަން ހޯދާފައި ނުވާނެ ކަމަށެވެ. އަދި މީހަކު ނިވާފަތްގަނޑަކަށް ހަދައިގެން އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނެކަމަށާއި، ވިޔަފާރި އެއް ކުރާނަމަ ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމަކީ ސިޔާސީ ކަމަކަށް ހަދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑީވައިއެމް ކުންފުނީގައި ރޮޒައިނާގެ 50 ޕަސެންޓު ހިއްސާ އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް