ތ. އޮމަދޫއިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އޮމަދޫ ސިއްހީ މަރުކަޒުން ބުނީ ޕޮސިޓިވްވެފައިވަނީ ތ. ވޭމަންޑޫއަށް ގޮސް ރަށަށް ދިއުމުން ހޯމް ކަރަންޓީން ކުރި މީހެއް ކަމަށެވެ. އެމީހާ ކަރަންޓީން މުއްދަތު ނިމުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމަށް ސިއްހީ މަރުކަޒުން ބުނެ އެވެ.
އޮމަދޫ ކައުންސިލުުން ބުނީ ކޯވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަން ކަން ބެލުމަށް އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.
ވޭމަންޑޫއަށް ދަތުރު ކުރި މީހަކު މިދިޔަ އާދިއްތަ ދުވަހު ކިނބިދޫއިންވެސް ޕޮސިޓިވްވެފައިވެ އެވެ. އަދި ފްލޫ ކްލިނިކަށް ދެއްކި އިތުރު ތިން މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެއެވެ.
ވޭމަންޑޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދިޔަ ދެމީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް ޓެސްޓު ކުރިި އިރު ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ.
މިވަގުތު އަތޮޅު ތެރޭގެ ރަށްރަށުގައި 1،000 އަށްވުރެ ގިނަ ޕޮސިޓިވް ކޭސް އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް