ދިވެހިބަހުގެ ދުވަސް: އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި ވުމަކީ ނަސީބެއް - މިނިސްޓަރު ޔުމްނާ

ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ، ނުހަނު ބޮޑު ނަސީބެއް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅ...

14 Apr 2021 | 08:24

ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ، ނުހަނު ބޮޑު ނަސީބެއް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައެވެ. މިނިސްޓަރު ވަނީ އަންނަށް އޮތް ޖީލުތަކަށް ހެޔޮގޮތުގައި ދިވެހިބަސް ގެންގޮސްދިނުމަށްޓަކައި، އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޔުމްނާ ވަނީ ދުވަހުގެ ތަހުނިޔާ، ބަސްކުރިއަރުވަން މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށާއި ދިވެހިރައްޔިތުންނަށް ވިދާޅުވެފައިވެއެވެ.

މިމުނާސަބަތުގައި ދިވެހިބަހުގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމަށާއި ބަސްކުރިއެރުވުމަށް ގާނޫނީ ބާރާ ލިބިގެން އުފެދިފައިވާ ދިވެހިބަހުގެ ވިދާރާގެ ރައީސް އަޝްރަފް އަލީ ވެސް، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަޝްރަފް ވިދާޅުވީ، ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ. އަދި ދިވެހި ބަހަކީ ދިވެހީންގެ ޝަރަފާއި ފަޚްރުކަމަށް ވެސް އަޝްރަފް ސިފަކުރެއްވިއެވެ.

އެހެންކަމުން ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަކީ، ހުރިހާ ރައްޔިތުންގެ ފަރުދީ، ވަޠަނީ، އަދި ގައުމީ ޒިންމާއެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ދިވެހި ބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެން ކުދިބޮޑު އެންމެހާ ރައްޔިތުން ކުރުމަކީ ލާޒިމް ޒިންމާއެއް. ފަރުދީ ޒިންމާއެއް. ވަތަނީ ޒިންމާއެއް. ޤައުމީ ޒިންމާއެއް." ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ.

"ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ" މި ޝިޢާރުގެ ދަށުން މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރާއިރު، މި މުނާސަބާއާ ގުޅިގެން ދިވެހިބަހުގެ އާ ފޮތްތަކަކާއި، އެޕްލިކޭޝަންތަކެއް ނެރުމަށް ދިވެހިބަހުގެ ވިދާރާއިން ނިންމާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހަކީ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއައްލާމާ ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މަރްހޫމް ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، 14 އޭޕްރިލް 1881 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް