ކުރީގެ ރައީސް އަަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައިސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އޭރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި އެމަނިކުފާނު މިނިވަން ކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދެމުންނެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭ މަޝްވަރާތައް ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއި މެދު އަދި ގޮތެއް ނުނިންމި ނަމަވެސް ވަރަށް އަވަހަށް އެމަނިކުފާނު ގެއަށް ބަދަލު ކުރުމާއި މެދު ގޮތެއް ނިންމޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ސިޔާސީ ލީޑަރުން އެމަނިކުފާނާއި ބައްދަލުކޮށްފައިވާއިރު މެޑަމް ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއްވެސް ލިބިވަޑައިގެންފަ ވާކަމަށެވެ. ރައީސް ވިދާޅުވީ އެ ބޭފުޅުން އެދިވަޑައިގެންނަވަނީ ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ.
އެކަމަކު ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ޔާމީނަށް ޑޮކްޓަރު ބޭރަށް ދާން ލަފާ ދެއްވާފައިވާކަން ފާހަގަ ކުރައްވާ އެދުވަހު ރައީސް ވިދާޅުވީ އެ ފުރުސަތު ސަރުުކާރުން ދިނުމުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ބޭނުންފުޅުވެވަޑައި ނުގެންނެވީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް