ރޯދައިގެ ނަސޭހަތް 1: ރޯދައަށް ހުންނައިރު، ދޫ ރައްކާތެރިކުރުން

ދުލަކީ އިންސާނާގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެކެވެ. އަދި އެއީ ކުޑަ ނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވ...

14 Apr 2021 | 06:40

ދުލަކީ އިންސާނާގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެކެވެ. އަދި އެއީ ކުޑަ ނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވެގެންވެއެވެ. އެއިން ކުރެވޭ އަޅުކަންވެސް އެހާމެ ބޮޑުވެފައި މުހިންމުވެގެން ވެއެވެ. ހަމަ އެފަދައިން ގުނަވަނުން ކުރެވޭ ފާފަތައްވެސް އެހާ ގިނަވެފައި ނުރައްކާތެރިކަން ބޮޑުވެގެންވެއެވެ.

ނިކަން ވިސްނައިލައްވާށެވެ! އީމާންކަން ސާބިތުވަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުންނެވެ. ހަމަ އެފަދައިން ކުފުރުވާ މީހުން އެންމެ ގިނައިން ކުފުރުވަނީވެސް ދުލުގެ ޒަރިއްޔާއިންނެވެ.

ދޫ ރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާ މީހުން ވަރަށްވެސް ގިނައެވެ. ނުވަތަ އެކަމަށް ސަމާލުކަމެއް ނުދީ ތާއަބަދު ދުލުން ފާފަކުޅައުމުގައި ވަގުތުތައް ހޭދަކުރަނީ ކިތައް މީހުން ހެއްޔެވެ! ދުލުގެ އާފާތްތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެކަންކަމުން ސަލާމަތްވުމުގެ މަގަކީ ހަނުހުރުމެވެ. ހަނު ހުރެއްޖެ މީހާ ނަޖާވެއްޖެ ކަމުގައި ރިވާވެގެންވެއެވެ.

އަދިވެސް ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހޖަދީޘްކުރައްވާފައިވެއެވެ. " مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ" متفق عليه މާނައީ: "މާތްﷲއަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ."

ދޫ ރައްކާތެރިކުރާށެވެ! ހައްގު ބަހެއް ނޫނީ ދުލުން ނުބުނާށެވެ. ބާތިލު ވާހަކަތަކުން އެއްކިބާވާށެވެ. އޭރުން ތިބާއަށް ތެދުވެރި އެކުވެރިން ލިބޭނެތެވެ. ޣީބަ ބުނުން ފަދަ ފާފަތަކުން ރައްކާތެރިވެވޭނެއެވެ. މަޑުމޮޅިކަން ދަސްވާނެއެވެ.

ދެކެވޭ ވާހަކަ ބެހިގެންދަނީ ހަތަރު ބަޔަކަށެވެ. އެއީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ސަވާބު ލިބޭކަމެކެވެ. ނޫނީ މުޅީން ގޯސް ވާހަކަތަކެވެ. މިފަދަ ވާހަކަތަކުން އެއްކިބާވުން ލާޒިމުވެގެންވެއެވެ. ނޫނީ ގޯސް ވާހަކަތަކާއި ނުބައި ވާހަކަތަކެވެ. ނުބައި ކަންކަން ހިމެނިފައިވާ ކޮންމެ ކަމަކާއި ދުރުހެލިވުން މޮޅު އިތުރުވެގެން ވެއެވެ. ނުވަތަ ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ވާހަކަތަކެވެ. ބޭކާރު ވާހަކަ ދެއްކުމަކީ ވަގުތު ނަގައިލުމެވެ. ވަގުތު ނަގައިލުމަކީ ތިމާގެ އުމުރު ބޭކާރުކޮށްލުމެވެ. މިކަމުންވެސް އެއްކިބާވުން ލާޒިމުވެގެންވެއެވެ.

ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ މުހައްމަދުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެމީހެއްގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށް ބޭއްވޭނޭކަމުގެ ޔަގީންކަން ދޭ މީހާ ސުވަރުގެ ވަންނާނޭކަމުގެ ޔަގީންކަން އެކަލޭގެފާނު ދެއްވާފައިވެއެވެ.

ރޯދަވެރިޔާ ދޫރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނުހަދާހުށިކަމެވެ. ފަހެ، އެހެން މީހަކު ތިބާއަށް ހުތުރު ބަހެއް ބުނެ ނުވަތަ އަރައިރުމެއް ފަށައިފިނަމަ ބުނާށެވެ! ހަމަކަށަވަރުން ތިމަންނާއީ ރޯދަވެރިޔަކީމެވެ." (ހަދީޘް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ރޯދަވެރިޔާގެ އަމިއްލަ ނަފްސާއި، އަދި ޒުވާބުދޭ މީހާއަށްވެސް، ރޯދައަށް ހުރިކަން ހަދާންކޮށްދީ ޒުވާބުކުރުމާއި ހަޅޭލެވުމާއި މަރާމާރީ ހިންގުންފަދަ ކަންކަމުން އެއްކިބާވުމަށް ކީރިތި ރަސޫލާ صلى الله عليه وسلم މިވަނީ އަމުރު ކުރައްވާފައެވެ.

އަދިވެސް ހެން ބަސްފުޅެއްގެ މާނަގައިވެއެވެ. "ރޯދައަށްހުރެ ހަޑިހުތުރު ބަސްތައް ބުނެ، އެފަދަ ޢަމަލުކުރުން ހުއްޓައިނުލާ މީހާ ދަންނާށެވެ! އޭޏާ ހަމައެކަނި ނުކައިނުބޮއި ހުންނަ ހުރުމަކީ، އެކަމުގައި ﷲ އެދިވޮޑިގެންވާ ގޮތެއް ނޫނެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

މިމާތް މައްސަރުގެ ވަގުތުތައް ހެޔޮ ގޮތުގައި ހޭދަކޮށް ދޫރައްކާތެރިކުރުމަށް ވަސިއްޔަތް ކުރަމެވެ.

ނޯޓް؛ "ދޫރައްކާތެރި ކުރުން" މި ލިޔުމަށް މައުލޫމާތު ނަގާފައި މިވަނީ ޝައިޚް ޙަސަންމޫސާ ފިކުރީ ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް