މީހަކު ސުވާލު ކުރިއެވެ. އަޅުގަނޑަކީ ނޭފަތް އެލާޖީ ވާ މީހަކީމެވެ. އެކަމަށް ފަރުވާކުރުމުގެ ގޮތުން އަޅުގަނޑު ނޭސަލް ސްޕްރޭ ބޭނުންކުރަމެވެ. އެ ބޭނުންނުކޮށްފިނަމަ ވަރަށް ބޮޑަށް އަޅުގަނޑަށް ދަތިކަން އިޙްސާސުވެއެވެ. އެބޭނުންނުކޮށް ތިން ގަޑިއިރަށްވުރެ އިތުރަށް ހުރުމަކީ އަޅުގަނޑަށް ވާނޭ ކަމެއްނޫނެވެ. އަޅުގަނޑު އެބޭނުންނުކޮށްފިނަމަ އަޅުގަނޑުގެ ނަފްސަށް ދަތިކަމުގެ ނިހާޔަތަށް އުނދަގޫ އިޙްސާސްވެއެވެ. މިކަމުގައި އެންމެ ދަތިވާ އެއްކަމަކީ ރަމަޟާން މަސް އަންނާތީއެވެ. އެއީ އެ ބޭނުންކުރުމުން އަޅުގަނޑުގެ ރޯދައަށް އަޘަރެއްކޮށްފާނެތީއެވެ. މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބުގައި الشيخ محمد بن صالح العثيمين – رحمه الله– ވިދާޅުވިއެވެ. ތިބާ ތި ބޭނުންކުރާ ސްޕްރޭ އަކީ ގޭސް އެއްފަދަ އެއްޗެއްކަމުގައި ނޫނީ ނުވެއެވެ. އެހެނީ އެއީ ވައިގެ ތެރެއަށް ފެތުރިގެން ގޮސް އޭގެ އެއްވެސް މިންވަރެއް [އިންސާނާގެ] މަޢިދާއަށް ވާޞިލެއް ނުވާނެއެވެ.
އެހެންކަމުން ދަންނަވަމެވެ: ރޯދައަށް ހުރެ މިފަދަ ސްޕްރޭއެއް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ.
އެހެނީ، ކުރިންވެސް ދަންނަވާފައިވާނޭ ފަދައިން، އޭގެ ބައިތަކެއް މަޢިދާއަށް ވާޞިލެއް ނުވާނެއެވެ. އެއީ ވައިގެ ތެރޭގައި ބުރައިގެން ގޮސް ގެއްލޭ އެއްޗެކެވެ. އަދި އޭގެ ބައިތަކެއް މަޢިދާއަށް ވާޞިލު ނުވާތީ އެއީ ރޯދަގެއްލޭ ކަމެކޭ ނުބުނެވޭނެއެވެ. ރޯދައަށް ހުރެ އެ ބޭނުންކުރުމަކީ ހުއްދަކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް