ލިޔުނީ : އާމިނަތު އަގުލީމާ
" މަރުޙަބާ!" "މަރުޙަބާ!"
ލޭބަރ ރޫމުގެ ދޮރުމަތިން މެދުކެނޑުމެއްނެތި އުކެމުންދިޔަ މަރުޙަބާގެ ގުލްހާރުތައް ނާޖިހުގެ ކަރަށް މެހެމުން ދިޔައެވެ. މިއަދު އޭނާގެ މޫނުމަތިން އެ ފެންނަ އުފާވެރިކަން، ވެއަތުވެ ދިޔަ 8 އަހަރުދުވަހު ހުއްޓުމެއްނެތި ކުރަމުން އައި ހިތާމަތަކުގެ ބަދަލަކަށް ފުދެއެވެ. އޭނާގެ މޫނުމަތީގައި މިއަދު އެވަނީ ނުފިލާ ހިނިތުންވުމެކެވެ. ޙަރަކާތްތަކުގައި ވަނީ މަޑުޖެހުމެއް ނެތް ހަލަނިކަމެކެވެ. ވިންދު ވަނީ އަވަސްވެފައެވެ. އުފާވެރިކަމުގެ އިންތިހާއެވެ.
ނާޖިހާއި ޝާނީގެ ކައިވެނި ކުރެވުނީ މީގެ 8 އަހަރުކުރިން އައި ޑިސެންބަރު މަހެއްގައެވެ. ތަޢުލީމީ ޙަޔާތް ނިމުމާއެކު ނާޖިހުގެ އުންމީދަކަށް ވީ މުސްކުޅި މަންމައަށް އޯގާތެރިކަމާއެކު އަޅާލައި އެހީތެރިވެދޭނެ ޅީދަރިއަކު ގެއަށް ގެނައުމެވެ. އެއްފުރާގެ އެހެންކުދިން އުޅޭހެން ލޯބިވެރިން ހޯދައި ތިންހަތަރު އަހަރުވަންދެން ތަތްތެޅިގެން އުޅުން އެއީ އުޅުމެއްކަމަކަށް އޭނާ ނުދެކެއެވެ. ޝާނީ ވީ އޭނާ އުންމީދުކުރި ފަދަ އަނތްބަކަށެވެ.
އުމުރުން އެންމެ 10 އަހަރުގައި، ކުއްލިގޮތަކަށް ބައްޕަ ނިޔާވުމާއެކު ޢާއިލާގެ ހުރިހާކަމެއް ބަލަހައްޓަމުން އައީ އޭނާއަށްވުރެ 4 އަހަރު ދޮށީ، ބޭބެއެވެ. އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ފުރާނައެވެ. ބައްޕަ ނިޔާވުމާއެކު، ގޭގެ މުގުލަކީ އެއީކަމުގައި އަމިއްލައަށް ދެކި، އާމްދަނީ ހޯދުމަށް ޓަކައި ކުރަންފެށި މަސައްކަތުގެ ފޮނި ނަތީޖާއިން އަންގައިދިނީ ހާފިޒުގެ ޙިކުމަތްތެރިކަމެވެ. ގޮތް ނިންމުމުގައި ބުއްދިއަށް ކިޔަމަންވާ މިންވަރެވެ. އުމުރުން ދޮއްޓަސް، ނާޖިހަށްވުރެ ކުރިން ކައިވެނި ނުކުރެވުން އެއީ މައްސަލައެއް ނޫންތާއެވެ!
އިންތިޒާރުގެ ސާލު އޮޅައިގެން ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގަމުން ދިޔަ ނާޖިހުގެ އިންތިޒާރަށް ނިމުން އައީ އަނެއްކާ ވެސް ލޭބަރ ރޫމުގެ ދޮރު ހުޅުވުނު އަޑަށެވެ. މިފަހަރު ޑޮކްޓަރު ދެއްވީ ނާޖިހު އަޑުއަހަން ބޭނުންވި ފަދަ ޚަބަރެއް ނޫނެވެ. މާ ބޮޑަށް ލޮނު ދަށްވެ، ފުއްޕާމޭގައި ޖަރާސީމު އުފެދިފައިވުމުގެ ސަބަބުން ތުއްތު ދަރިފުޅު ނާސަރީގައި ބާއްވާލަން ޖެހޭކަމުގެ ޚަބަރުން އޭނާއަށް ލިބުނީ ހިތްދަތިކަމެވެ. ނާޖިހަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނީ، އެއީ މާ ބޮޑު މައްސަލައެއް ނޫންކަމަށް ޑޮކްޓަރު ވިދާޅުވުމުންނެވެ.
ޝާނީ ކޮޓަރިއަށް ބަދަލުކުރުމާއެކު ދެފަރާތުގެ ޢާއިލާއާއި ރައްޓެހިން ޒިޔާރަތްކުރަން ފެށިއެވެ. ނަމަވެސް ލިބުނު އުފާވެރިކަން ފުރިހަމަ ނުވާކަމުގެ އިޙުސާސެއް އެންމެނަށް ވެސް ކުރެވެމުން ދިޔައީ، ތުއްތު ދަރިފުޅު ފެންނަން ނެތުމުންނެވެ.
ހަފުތާއެއްހައި ދުވަހު ނާސަރީގައި ބޭއްވުމަށްފަހު ޝާނީއާއި އެމީހުންގެ ދަރިފުޅު ގެއަށް ދޫކޮށްލިއެވެ.
ދުވަސްތަކެއް ފަހެވެ. އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ކުޑަކުޑަ ނައުޝީންއަށް ރޮވެނީ އާދަޔާ ޚިލާފަށެވެ. ޝާނީއަކަށް އުޅެއުޅެ ވެސް އެ ތުއްތު ދަރިފުޅު މައިތިރިއެއް ނުކުރެވުނެވެ. ހާފިޒާއި މައިދައިތަ ވެސް އެމަންޖެ ރުއްސޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އޮފީހުގައި އަވަދިވެތި އުޅުނު ނާޖިހަށް ގެއަށް އަންނަން މަޖުބޫރުވީ އެހެންވެއެވެ. މަންމައާއި ދޮންބެގެ އިރުޝާދާއެކު ނާޖިހާއި ޝާނީ ގަސްދުކުރީ ދަރިފުޅު ޑޮކްޓަރަށް ދައްކާލުމަށެވެ.
ޑޮކްޓަރު ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު، ބައެއް ޓެސްޓްތައް ހަދަން ޖެހޭކަމަށް ބުނުއްވިއެވެ. ނާޖިހަށް ހިތާހިތުން ދުޢާކުރެވެމުން ދިޔައީ އެއީ މާ ބޮޑު މައްސަލައަކަށް ނުވޭތޯއެވެ. ވާނީ ވެސް އެހެންތާއެވެ. ދަރިއަކު ހޯދުމަށް ޓަކައި 8 އަހަރުވަންދެން އޭނާ ނުކުރާ ކަމެއް ނެތެވެ. ދުޢާކުރިއެވެ. ސަދަޤާތްކުރިއެވެ. ދަމުނަމާދު ކުރިއެވެ. ނަދުރު ބުންޏެވެ. ޑަކްޓަރީ ބޭސް ކުރިއެވެ. ނުވިތާކަށް ރުޤުޔާ ވެސް ކުރިއެވެ. އޭނާއަށް ދަރިއަކު ނުލިބޭނެކަމަށް އެތައް ޑަކްޓަރުންނެއް ބުނެފައި އޮއްވާ ލިބުނު މި ތުއްތު ދަރިފުޅަށް ކުޑަނަމަވެސް ހާނީއްކައެއް ވާކަށް އޭނާ ނޭދެއެވެ.
ރިޕޯޓްތައް ހިފައިގެން ގޮސް ޑަކްޓަރާ ބައްދަލުކުރީ ވެސް ސީދާ ނާޖިހެވެ. ރިޕޯޓުތަކަށް ޑަކްޓަރު ވަރަށް ރަނގަޅަށް ބެލިއެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ޑޮކްޓަރު ދެއްވި ޖަވާބުން ނާޖިހަށް ހީވީ އޭނާގެ ބޯމައްޗަށް އުޑު ވެއްޓުނުހެނެވެ. ހަތަރު ފާރު އައިސް ފިއްތާލިހެނެވެ.
ނާޖިހުގެ ލޮލުގައި ރައްކާކުރެވިފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަންނާކަށް ހިނދުކޮޅެއް ވެސް ނުނެގިއެވެ. ހިތް ވެސް ހީވަނީ އުދުއްސައިގެންފާނެހެންނެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ. ހިނދުކޮޅަކަށް ދުނިޔެމަތިން ހަނދާން ނެތުނުކަހަލައެވެ.
ހުއްޓުންއަރާފައި އިން ނާޖިހު، ފުންމައިގެން ތެދުވިގޮތުން ޑަކްޓަރު ވެސް ދިޔައީ ސިއްސައިގެންނެވެ. ބާރުބާރަށް ގޮސް ދޮރު ހުޅުވުމަށްފަހު ނިކުމެގެން ދިޔައިރު ޑޮކްޓަރު އިތުރަށް ދެއްކެވި އެއްވެސް ވާހަކައަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ހީވާގޮތުން އޭނާއަށް ލިބިފައިވާ ހިތްދަތިކަން، އިމުން ފަހަނައަޅައި ދިޔައީއެވެ.
ބާރު ސްޕީޑުގައި ގޮސް ގޭ ދޮރުމައްޗަށް ސައިކަލު ޕާކުކުރުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާގެ މޫނުމަތީގެ ކުލަވަރު ވަނީ މުޅިން ބަދަލުވެފައެވެ. ދެލޮލުން ފޭބި ކަރުނަތައް ކޯތާފަތްމަތިން ރޮނގަކަށް ހިކިފައިވެއެވެ. ދެލޯ ވަނީ ބޮޑުވެފައެވެ. މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އަތުކޮޅަށް ދޮރު ލެއްޕުމަށްފަހު އަޑުގެ ކޮޅަށް ޝާނީއަށް ގޮވައިލިއެވެ. ލިބުނު ސިހުމުގައި ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން ޝާނީ އައިއިރު، އެވަގުތު ބަދިގޭގައި ތިބި މަންމައާއި ދޮންބެ ވެސް ނިކުތީ، ވީ ނުވީއެއް ނޭނގި ހާސްވެފައި ތިބެއެވެ.
" ނާޖިހު! ކިހިނެއްވީ ނާޖިހު! "
ނާޖިހަށް ވެފައިހުރި ގޮތް ފެނި ޝާނީގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އޭނާގެ މޫނުމަތީގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ޝާނީއަށް ފެނިފައި ނުވާފަދަ ކުލަވަރެކެވެ.
" ނާޖިހުއޭ! ޚަބަރުދާރު. ތި މުޑުދާރު ދުލުން މަގޭ ނަން ވެސް ކިޔައިގެން ނުވާނެ "
އައިސްފައިވާ ރުޅީގެ ސަބަބުން އޭނާ ހީވަނީ ފުނޑުފުނޑުވެދާނެހެންނެވެ.
" އަޅެ... ކިހިނެއްތަ ވީ "
ވީ ނުވީއެއް ނޭނގި ޝާނީއަށް ރޮވެން ފެށިއެވެ. އޭރު އޭނާގެ ކޮނޑުމަތީގައި އޮތް ނައުޝީން ވެސް ދިޔައީ ރޮމުންނެވެ.
" ކިހިނެއްހޭ ވީ؟ އަން. މިއޮތީ ވީ ގޮތް "
ނާޖިހު އޭނާގެ އަތުގައި ހުރި، ނައުޝީންގެ ރިޕޯޓްތައް ޝާނީގެ މޫނުމައްޗަށް ހޫރުވައިލިއެވެ.
ޝާނީއާއި އޭނާގެ މައިދައިތަގެ އިތުރުން ހާފިޒު ވެސް ހުރީ ވާނުވާ ނޭނގިފައެވެ.
" ކޮއްކޯ. ހަމަޖެހިބަލަ. މިތާ އިށީނދެބަލަ "
ހާފިޒް ވަރަށް ލޯބިން ނާޖިހުގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު ބުނެލިއެވެ.
" ހަމައެއް ނުޖެހެވޭނެ. ބަލާބަލަ މިހިރަ ލަދުކުޑަ އަންހެނެއް. އެންމެން ބަލާބަލަ."
އައިސްފައި ހުރި ރުޅިއާއި ވެފައިހުރި ދެރައިން ނާޖިހަށް ރޮވެންފެށިއެވެ.
" އަހަރެންގެ ނުކުޅެދުންތެރިކަމުގެ ނާޖާއިޒް ފައިދާ މި އަންހެނާ ނަގައިފި. އަހަރެންގެ މުޅި ދިރިއުޅުން ފޭރިގެންފި "
ނާޖިހު ބަޑި ފަޅައިގެން ގޮސް މޫނުގައި ދެއަތްއެޅުމާއެކު ކައިރީގައި ހުރި ސޯފާ މައްޗަށް ތިރިވިއެވެ. ހާފިޒާއި އޭނާގެ މަންމައަށް ހައިރާންކަމާއެކު ޝާނީއާ ދިމާއަށް ބަލައިލެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޝާނީއަށް ދިޔައީ ގިސްލެވެމުންނެވެ.
" ދަރިފުޅާ! ތިޔަ ވެގެން އުޅޭ ގޮތެއް ބުނީމައެއްނު އެނގޭނީ. ބުނެބަލަ ކިހިނެއްތަ ވީ؟ "
އެއްފަރާތުގައި މަންމައެވެ. އަނެއް ފަރާތުގައި ހާފިޒެވެ. ކުރިމަތީގައި ޝާނީއެވެ.
ކުއްލިއަކަށް ނާޖިހު ފުންމައިގެން ތެދުވެ ޝާނީއާ ދިމާއަށް ޖެހިގަތެވެ.
" ކަލޭ އަހަންނަށް ބުނެދީބަލަ އަހަރުމެން ދެމީހުންނަށް ލޭއަޅާ ކުއްޖަކު ލިބުނު ގޮތެއް "
ނާޖިހުގެ ޖުމުލައިން ޝާނީއާއި ދެންތިބި މީހުން ވެސް ދިޔައީ ސިއްސައިގެންނެވެ.
" ޝާނީއާ އެއްކޮށް ގޮހެއް ނޫންތަ އަހަރެން ޓެސްޓް ހެދީ. އެއްފަހަރަކު ނޫން. ދެފަހަރު ހެދިން. އެވެސް ޝާނީ ބޭނުން ވެގެން. ކަލެއަކީ ކެރިއަރަކަށް ވާތީ. ދެން އަހަރުމެންނަށް ލޭއަޅާ ކުއްޖަކު ލިބެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. "
ނާޖިހުގެ ވާހަކަތައް ޝާނީގެ ކަންފަތަށް އިވެމުން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ވާނީ ވެސް އެހެންތާއެވެ. ނާޖިހުގެ އަޑު ހީވަނީ ގުގުރިއެއްހެން ވިއްޔާއެވެ.
" ނޫން. ތީ އޮޅުމެއް "
ޝާނީއަށް ބާރަށް ރޮއިގަނެވުނެވެ.
" އާނ. އޮޅުމެއް. "
އެއަށްވުރެ ބާރަށް ނާޖިހު ހަޅޭއްލަވައިގަތެވެ.
" ތީ ހަމަ އަހަރެން ވެސް ހީކުރި ގޮތް. އެކަމަކު އެއީ ކުށް ހީއެއް. "
މިފަހަރު އޭނާގެ އަޑުގައި ވަނީ ހިތާމައާއި މޮޅިވެރިކަމެވެ.
" ޝާނީ އަޅެ އެއްފަހަރުވެސް ރީތިކޮށް ބުނިނަމަ. އަހަރެން މިނިވަންކޮށްދިނީމުހޭ "
" ނޫން ނާޖިހު ތިހެން ނުބުނޭ. ތީ އޮޅުމެއް. ހަމަ ޔަގީން. އަހަރެން ތި..... "
ގިސްލެވޭވަރުން ޝާނީއަށް ވާހަކަދެއްކޭ ވަރެއް ވެސް ނޫނެވެ.
" އަހަރެން ކުރިމަތިން ދުރަށް ދޭ "
ނާޖިހު، ޝާނީއާ ދިމާއަށް ބަލަން ވެސް ބޭނުން ނުވާ ކަހަލައެވެ. ދުރުބަލަން އިނުމަށްފަހު ހަކަތަ ހުސްވެފައިވާ މީހެއް ފަދައިން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.
" މަންމާ! ދޮންބޭ! ހެޔޮނުވާނެ އަހަރެން މި ދައްކާ ވާހަކަ ގަބޫލުކުރޭ. އަހަރެން އެފަދަ ހުތުރު ކަމެއް ނުކުރަން. "
ޝާނީ މައިދައިތަގެ އަތުގައި ހިފައި ރޮއެ އާދޭސްކުރަން ފެށިއެވެ. ނަމަވެސް އެ ވާހަކަތައް ގަބޫލުކުރާކަށް މައިދައިތައަކަށް ވެސް ފަސޭހައެއް ނުވިއެވެ. އޭނާ މަޑުމަޑުން ޝާނީގެ އަތް ނައްޓުވައިލުމަށްފަހު އިސްޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ގޮސް ވަނީ ކޮޓަރިއަށެވެ.
" ދޮންބޭ. އަޅެ އާދޭސްކޮށްފަ ބުނަން. މި ދައްކާ ވާހަކަ ގަބޫލުކުރޭ. "
ހާފިޒް ވަރަށް ފަރުވާތެރިކަމާއެކު ޝާނީގެ ދެލޮލަށް ބަލައިލިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ އެވަރުގެ ހަޑި މުޑުދާރު ޢަމަލެއް ކުރާވަރަށްވުރެ މައުސޫމުކަމެކެވެ.
" ޝާނީ މިވަގުތު އިހަށް ރަނގަޅުވާނީ ދުވަސްކޮޅަކަށް ނަމަވެސް ގެއަށް ބަދަލުވުންހެން ދޮންބެއަށް ހީވަނީ "
ހާފިޒް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު ނަމަވެސް އޭނާ ބުނި ޖުމުލައިން ޝާނީގެ ހިތަށް ކުރީ ފުން އަސަރެކެވެ. އޭނާގެ ހިތް ވަނީ ކުދިކުދިވެފައެވެ. މިހާ ބިޔަ ރާޅެއް ޝާނީގެ ޙަޔާތަށް ބިންދާލައިފާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ.
އުފާވެރިކަމުގެ ކޯރެއްގައި، ފައްސިޔައިގައި ވައިއަޅުވަމުން ނަލަ ދުވެލީގައި ދުއްވާފައި ދަނިކޮށް އަޑިއަށް ގޮސްފައިވާ ނަވެކޭ، ނާޖިހުމެންގެ ގެއެކޭ އެއްގޮތެވެ. ވަށައިގެން ވަނީ ހިމޭންކަމެވެ. އަނގައިން ބަހެއް ބުނެލާ މީހަކު ނެތެވެ. ގޭގެ ހަތަރު ފާރު ވެސް ނާޖިހުގެ މި ކުއްލި ހިތާމައިގައި ބައިވެރިވެ ކަރުނައަޅާ ކަހަލައެވެ.
ނާޖިހުގެ ކަމަކީ ހިތާމަކުރުމެވެ. ހުރަގެއެއްގައި ބަންދުވެފައިވާ ގައިދީއެއް ފަދައިން، ކޮޓަރީގައި އޮވެ ކަރުނައެޅުމެވެ. ކެއުމެއް ނެތެވެ. ބުއިމެއް ނެތެވެ.
ޝާނީ ފަކީރުގެ ޙާލަކީތޯއެވެ؟ އަރަކުން އެއްޗެއް ނުދިރެއެވެ. ލޮލުން ކަރުނަ ހިކޭ ހިނދުކޮޅެއް ވެސް ނާދެއެވެ. މި ޙާލުގައި އޭނާގެ މައިންބަފައިންގެ އެހީތެރިކަމާ އެކު ނައުޝީން ގޮވައިގެން އުޅެއެވެ.
ދެ ދުވަސް ފަހެވެ. ޝާނީ އެނދުމަތީ އޮށޯވެލައިގެން އޮތް އިރު ގާތުގައި ނައުޝީން، ނިދާފައި އޮތެވެ. ޝާނީ ވަރަށް ފުންކޮށް ނައުޝީންގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. " ކުށެއް ނެތް މައުސޫމު ކުއްޖެކެވެ. ބަދު ނަސީބު ކުއްޖެކެވެ. "
ކުއްލިއަކަށް ޝާނީގެ ދެލޯ ފެންކަޅިވިއެވެ. ލޯ ފުރިގެން އައި ކަރުނަތައް ލޮލަށް ކިޔަމަންނުވެ ފައިބައިގަތެވެ. އެއާއެކު އޭނާގެ މޫނު، ތުއްތު ތުއްތު ނައުޝީންގެ މޫނާ ކައިރިކޮށްލައި ކޮލަށް ދޮނެއް ދިނެވެ. އެއަށްފަހު އަނެއްކާ ވެސް އެ މައުސޫމު މޫނަށް ބަލައިލިއެވެ. އެވަގުތު ޝާނީއަށް މަޑު ސިހުމެއް ލިބިގެން ދިޔައެވެ.....
ޝާނީ އަނެއްކާ ވެސް ނައުޝީންގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އަދި ވަރަށް މަޑުމަޑުން ނައުޝީންގެ މޫނު، ދެފަރާތަށް އަނބުރައިލައި ވަރަށް ފަރުވާތެރިކަމާއެކު އެމޫނަށް ބަލަންފެށިއެވެ.
ޝާނީގެ ހިތް އަވަސްވަމުން ދިޔައެވެ. ބާރު ބާރަށް މޭ ތެޅެން ފެށިއެވެ. މޫނުމަތީގައި ވަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އަނެއްކާ ވާން މި އުޅެނީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ.
ޝާނީ މަޑުމަޑުން އެނދުން ތެދުވިއެވެ. ދެކޮޅަށް ހިނގަންފެށިއެވެ. އަނެއްކާ އައިސް ނައުޝީންއާ މޫނު ކައިރިކޮށްގެން ބަލަން ފެށިއެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު އަވަސް ހިނގުމެއްގައި ގޮސް މޭޒުމަތީ އޮތް ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.
* * * * *
ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝާނީ ވަނީ ޑަކުޓަރު އިންނަވާ ކޮޓަރިއަށެވެ. އެއީ ޝާނީ ވިއްސި ޑަކުޓަރެވެ. އަތްމަތީގައި ނައުޝީން، ވަރަށް އަރާމުކޮށް ނިދާލާފައި އޮތެވެ. ވިއްސަކަށް މިނެޓު ވަންދެން ޝާނީ ޑަކުޓަރާއި ވާހަކަތަކެއް ދެއްކިއެވެ.
" ލައްބަ. އަޅުގަނޑަށް ހަމަ ޔަގީން "
ޝާނީ ބުނަމުން ދިޔައެވެ.
" އެކަމަކު.... ތިޔަ ވަރުގެ ކަމެއް...... އެންމެ ރަނގަޅު، ތިކަން ވީގޮތެއް އަޅުގަނޑު ހަމަ މިހާރު މި ބަލަނީ"
ޑަކުޓަރުގެ ޖަވާބާއެކު ޝާނީ ޑަކުޓަރަށް ޝުކުރު އަދާކުރުމަށްފަހު އެތަނުން ނިކުމެގެން ހިނގައްޖެއެވެ.
ޝާނީއަށް ކެނޑި ނޭޅި އިންތިޒާރު ކުރެވެމުން ދިޔައީ ޑޮކްޓަރުގެ ފޯނު ކޯލަށެވެ. އަބަދު އިނދެވެނީ ފޯނަށް ބަލަބަލައެވެ. އޭނާގެ ފޯނު ރިންގުވާން ފެށީ މިގޮތަށް އިންތިޒާރުގައި އިންނަތާ އެތައް ދަމެއް ވީފަހުންނެވެ.
ކަންތައް ވީ ޝާނީ ހީކުރި ގޮތަށެވެ. ނޫނެކެވެ. ޔަގީން ކުރި ގޮތަށެވެ. ތިން ދުވަސް ކުރިން ހެދި ޑީ އެން އޭ ޓެސްޓުން ދެއްކި ގޮތުގައި ނައުޝީން އަކީ ޝާނީއާ އެއްގޮތަކަށް ވެސް ގުޅުމެއް ހުރި ކުއްޖެއް ނޫނެވެ. ދަރިފުޅު އުފަންވީ ދުވަހު، އެ ކުއްޖާގެ ތުންފަތުގެ ވާތްފަރާތުން ފަނޑުފަނޑުކޮށް ހުރި ލަފުގެ މަތިން މި ހުރިހާ ދުވަހު ހަނދާން ނުވީތީ ޚުދު ޝާނީ ވެސް ހައިރާންވިއެވެ. ނައުޝީންގެ މޫނުގައި އެ ލަފު ނެތްކަން އޭނާއަށް ފާހަގަވީ އަދިކިރިޔާއެވެ.
ހިތާމައަކީ ޝާނީގެ ދަރިފުޅު އޮޅުނީ ކޮން އިރަކު، ކިހިނެއްކަން ނޭނގޭކަމެވެ. ނަމަވެސް ޔަގީންވާ ކަމަކީ އެކަން ހިނގާފައި އެވަނީ ހޮސްޕިޓަލުގައި ކަމެވެ.
ހަމަ ވަގުތުން ޝާނީ ގުޅީ ހާފިޒަށެވެ. ކަން ވީ ގޮތް ވަރަށް ތަފްސީލުކޮށް އޭނާ ހާފިޒަށް ކިޔައިދިނެވެ. ހާފިޒް މި ވާހަކަތައް ނާޖިހުއާއި މަންމައަށް ކިޔައިދިނެވެ. އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ. ކާރަކަށް ގުޅައިގެން އެންމެން ވަގުތުން ދިޔައީ ޝާނީމެންގެ ގެއަށެވެ.
ޝާނީއާއި ނާޖިހުގެ ދަރިފުޅު ހޯދާކަށް އުނދަގުލެއް ނުވިއެވެ. އުނދަގޫވީ ނައުޝީންގެ މައިންބަފައިންނަށް ވިސްނައިދޭށެވެ. ނަމަވެސް ވަރަށް މަސައްކަތުން އެކަން ވެސް ޙައްލުވިއެވެ.
" ޝާނީ! އަހަރެން މިއަދު ވަރަށް ލަދުގަނެއްޖެ. އަހަންނަށް ޝާނީއާ ދިމާއަށް ކިޔުނީ، ތިފަދަ މާތް ކުއްޖަކާ ދިމާއަށް މީހަކު ކިޔައިގެންވާނެ އެއްޗިއްސެއް ނޫން. ޝާނީގެ ބޮލުގަ އެޅުވުނު ހުތުރު އިލްޒާމަށް މާފަށް އެދެން ވެސް މިއަދު އަހަރެން ލަދުގަނޭ. "
ނާޖިހު ވަނީ ހަގީގަތުގައި ވެސް ލަދުގަނެފައެވެ. ދެރަވެފައެވެ. ކުށްވެރިއަކު ފަދައިން އިސްޖެހިފައެވެ. ޝާނީގެ މާފު ލިބޭނެކަމެއް ވެސް މިއަދަކު އޭނާއަކަށް ޔަގީނެއް ނޫނެވެ.
" އެއީ ނާޖިހު ގަސްތުގައި ކީ އެއްޗިއްސެއް ނޫނެއްނު. އެވަގުތު ނާޖިހުގެ މަޤާމުގައި އަހަރެން ހުރިނަމަވެސް ކަން ވީހީ ހަމަ އެހެން. އެދުވަހު ވެސް އަހަންނަށް ހީވި، މިކަމުގައި ކޮންމެވެސް އޮޅުމެއް އެބަ އުޅޭހެން. އަސްލު އެދުވަހު އަހަރެން ވަރަށް ދެރަވި. އެކަމަކު އަހަރެން އަބަދުވެސް ނާޖިހަށް މާފުކުރާނަން، އެކަން ޔަގީންކުރޭ. "
ކުޑަކުޑަ އާއިލާއަށް ގެއްލުނު އުފާވެރިކަން އަލުން އިއާދަވީއެވެ. ހޮޅިލައި ނަގައި ބިންދާލި ރާޅުން ދޮވެވުނު ބިންގަނޑު އަލުން ފައްކާވެ، ގަސް ފަޅައި، މާތައް ފޮޅި އޭގެ ހުވަނދުން ހުވަނދުލެވުނީއެވެ. ނާޖިހުއާއި ޝާނީގެ ދިރިއުޅުމަށް އުފާވެރިކަމާއި ފުރިހަމަކަން އައިސް އަތާއަތް ގުޅައިލީ، ދުވަހަކުވެސް ދޫނުޖެހޭނެ ފަދަ ގޮށަކުން އިތުބާރުގެ ވާފަށް ގޮށްޖަހައިލަމުންނެވެ.
ނިމުނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް