ގަތަރު އެއާވޭސްގެ ދަތުރު މިމަހު 23އަށް ފަސް ކުރުމަށް ސަރުކާރުން އަންގައިފި

ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަން ހަމަޖެއްސި ހާއްސަ ދަތުރު ފަސް ކުރުމަށް ދިވެހި ސަރުކާރުން އަންގައިފި އެވެ. އެ ހާއްސަ ދަތުރު ކުރަން އެއާލައިނުން ހަމަޖައްސާފައި އޮތީ މިމަހުގެ21 ވަނަ ދުވަހު އެވެ. އެ...

14 Apr 2020 | 18:39

ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަން ހަމަޖެއްސި ހާއްސަ ދަތުރު ފަސް ކުރުމަށް ދިވެހި ސަރުކާރުން އަންގައިފި އެވެ.

އެ ހާއްސަ ދަތުރު ކުރަން އެއާލައިނުން ހަމަޖައްސާފައި އޮތީ މިމަހުގެ21 ވަނަ ދުވަހު އެވެ. އެކަމަކު ސަރުކާރުން ވަނީ އެ ދަތުރު މިމަހުގެ23 ވަނަ ދުވަހަށް ފަސް ކުރުމަށް އެއާލައިނަށް އަންގާފައި އެވެ.

މިކަމުގެ ތަފްސީލް ދެއްވަމުން ކޯވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި އެކި ގައުމުތަކުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއާލައިންތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ދަތުރު ކުރާ ގައުމުތަކަށް އެހެން އެއާލައިންތަކުން ޓްރާންސިޓް ފްލައިޓުތައް ބާއްވަމުން އަންނަ ގޮތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ގަތަރު އެއާވޭސް ފްލައިޓު މަޑު ޖައްސާލަން އެންގީ ވަރަށް ދުރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް މަސައްކަތް ކުރުމަށެވެ. އެކަމަކު އޭގެން އެއްވެސް ގައުމަކުން މީހުން ގެނެވޭނެ ކަމުގެ ޔަގީންކަން އަދި ލިބިފަ ނެތް ނަމަވެސް ގަތަރް އެއާވޭސްގެ ދަތުރު ފަަސް ކުރުމަށް އެދުނީ އެއްވެސް އިންތިޒާމެއްް ހަމަޖެހޭތޯ ބަލަންށެވެ.

ގަތަރު އެއާވޭސްއިން ރާއްޖެއަށް ބާއްވާ ޗާޓާޑް އެ ފްލައިޓަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތަށިވެފައި ތިބި ޓޫރިސްޓުންގެ ތެރެއިން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަންވިލާތަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށް ބާއްވާ ފްލައިޓެކެވެ.

ދިވެހި ސަރުކާރަށް ގޮތްތަކެއް ހަމަޖެއްސިއްޖެ ނަމަ މި ފްލައިޓުގައި ޔޫރަޕްގެ ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ރާއްޖޭގައި ގައުމަށް ނުދެވި ތާށިވެފައި ތިބި ޓޫރިސްޓުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުން ދަނީ އެމީހުން ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޮރިޝަސް އާއި ސައުތް އެފްރިކާގެ ޓޫރިސްޓުން އެގައުމުތަކުގެ ސަރުކާރުން އަނބުރާ ގެންދިޔައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްގެންނެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަންވެސް މޯލްޑިވިއަން އިންދަނީ ޗާޓާޑް ފްލައިޓުތަކެއް ބާއްވަމުންނެވެ. މިހާތަނަށް އިންޑިއާގެ ބެންގަލޫރު، ކޮޗިން އަދި ޓްރިވެންޑްރަމުގައި ތާށިވެފައި ދިވެހިން ގެނެސްފައިވާއިރު ސްރީލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިންތަކެއްވެސް ގެނެސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް