މިއަދު އިންޑިއާގެ ބެންގަލޫރާއި ކޮޗިން އިން ގެނައި ދިވެހިންގެ ތެރެއިން ނުވަ މީހަކު ކަރަންޓީން ކުރީ އައިޖީއެމްއެޗުގައި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ފަސް މީހުންނަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާތީ ޑަޔަލަސިސް ހަދަން ޖެހޭ މީހުން ކަމަށެވެ. އަނެއް ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އެމީހުންގެ ހަވާލުގައި ރާއްޖެއިން ބޭރުން އައި ދެ ކުޑަކުދިން ކަމަށާއި އަނެއް ދެމީހުން އައިޖިއެމްއެޗުގައި ކަރަންޓީން ކުރީ އެ ކުދިން ކައިރީގައި ބެލެނިވެރިއަކު ބައިތިއްބަން ޖެހޭތީ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެމީހުން އައިޖީއެމްއެޗުގައި ތިއްބަސް ކަރަންޓީން ކޮށްފައިވަނީ ވަކި ސަރަހައްދެއްގައި ކަމަށެވެ. އަދި އެތަނަށް އެމީހުން ގެންދިޔައީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭއާއި ސަރުކާރުން ދަނީ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ މީހުން މިދަނޑިވަޅުގައި ރާއްޖެ އައުން ރަނގަޅު ނޫން ކަމަށް ބުނަމުންނެވެ.
އެއީ ރާއްޖެ އަޔަސް އެމީހުން14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމަކަށްވާތީ ފެސިލިޓީތަކުގައި ތިބޭއިރު ބޭނުންވާ އަވަސް މިނުގައި ފަރުވާ ދިނުމަކީ ދަތިކަމަކަށް ވާނެތީ އެވެ. އަދި ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދުމަށް އަވަސް މުއްދަތެއްގައި އެނބުރި ރާއްޖެއިން ބޭރަށް ދާން ޖެހޭނަމަ އެ ފުރުސަތު ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލާފައި އޮތުމުން ނުލިބިދާނެތީ އެވެ.
ރިސޯޓުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި962 މީހަކު އެބަތިއްބެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން މީހުން ގެންނަވަރަކަށް ރާއްޖެއިން ބަލި ފެންނަ ވަރު އިތުރުވަމުންދާނެ ކަމަށެވެ.
އެކަމަކު އެމީހުން ތިބޭނީ ކަރަންޓީންގައި ކަމުން ބަލި ފެތުރުމުގެ ފުރުސަތު ހަނިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް