ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރި އެންމެ ނުރައްކާތެރި ހާލަތުގައި ކޮންމެ ދުވަހަކު 7،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފި އެވެ.
ޑަބްލިއުއެޗްއޯ އާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ސިއްހީ ތަޖުރިބާ ކާރުން ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރިއްޖެ ނަމަ ހާލަތަށް އަންނާނެ ބަދަލުތަކާއި ގުޅޭ ދިރާސާއެއް ކޮށްފައި އެވެ.
މި ދިރާސާ އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރިއްޖެ ނަމަ އެންމެ ނުރައްކާތެރި ހާލަތަކަށް ދާން ނަގާނީ47 ދުވަސް ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި، މުޖުތަމައުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދިރާސާގައި ބުނެފައިވަނީ ރާއްޖެ އެންމެ ނުރައްކާތެރި ހާލަތުގައި ވަނިކޮށް މީހަކަށް ބަލި ޖެހޭ ފުރަތަމަ ދުވަހު2،500 މީހުންނަށް ބަލި ފެތުރޭނެ ކަމަށެވެ. އަދި ދެ ވަނަ ދުވަހު އެ އަދަދު5،000 މީހުންނަށް އަރާނެ ކަމަށެވެ. އެއީ އޭނާގެ ގައިގަ ބަލި ހުރިކަން އެނގުމުގެ ކުރިއަށެވެ.
ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ވަރާއި ގުޅޭގޮތުން ޑރ. ނަޒްލާ ވިދާޅުވީ އެންމެ ނުރައްކާތެރި ހާލަށް ގޮސްފި ނަމަ ދުވަލަކު1،300 މީހުން ކޮންމެ ދުވަހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަލިވާ މީހުންގެ ތެރެއިން ފަސް ޕަސެންޓު މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށެވެ.
އެއްވެސް ފިޔަވަޅަކައި ނުލައި ކުރިޔަށް ދަނިކޮށް ބަލި ފެތުރިއްޖެ ނަމަ ހަމައެކަނި މާލެ ސަރަހައްދުން46،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.
މި ބަލި ކޮންޓްރޯލް ކޮށްފައިވާ ވަރުގައި ކުރިޔަށް ދެވިއްޖެ ނަމަ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބަލީގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު300 އަށްވުރެ މަތި ނުވާނެ ކަމަށެވެ. ފިޔަވަޅުތައް އަޅައިފި ނަމަ ބަލި އެންމެ ބޮޑަށް ފެތުރޭނެ ދުވަހަކަށް ވާނީ 105 ވަނަ ދުވަސް ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މި ބަލި ކޮންޓްރޯލް ކުރެވެން އޮތީ ޑރ. ނަޒްލާ ފާހަގަ ކުރެއްވި ގޮތުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެ ފިޔަވަޅުތަކަށް އަމަލު ކުރެވިގެން ކަމަށެވެ. އަދި ދުރާލާ ފިޔަވަޅު ނޭޅުމުގެ ނަތީޖާ ދުނިޔޭގެ ގައުމުތަކުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިޖްތިމާއީ ގައިދުރު ކަމެވެ. ރާއްޖޭގައި ބަލި ނުފެތުރު އޮތް މައިގަނޑު ސަބަބަކީ ސްކޫލް، ކޮލެޖު، ޔުނިވާސިޓީ، ކެފޭ/ ރެސްޓޯރެންޓް، ސްޕާތައް އަދި ދަރުކާރު އޮފީސްތައް ބަންދުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި ފިޔަވަޅުތަކާ އެކު ވެސް ރާއްޖެ އިން ވަނީ ކޮވިޑް-19 އަށް މިހާތަނަށް 20 މީހަކު ޕޮޒިޓިވްވެފަ އެވެ. މިއިން އެއްވެސް މީހެއްގެ ފަރާތުން އިތުރު މީހަކަށް ބަލި ޖެހުނަ ނުދިނުމަކީ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދިން ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި މާލެ އަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ސަބަބަކީ، މާލެއަކީ ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ، އިމާރާތްކުގައި މީހުން ތޮއްޖެހި، ހަލުވިކަމާ އެކު ބަލި ފެތުރިދާނެ މާހައުލަކަށް ވާތީއެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މި ބަލި ކޮންޓްރޯލްކުރަން މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ނިޒާމަށް ވެސް ނުތަކާ މިންވަރަށް ފަރުވާދޭން ޖެހޭ އަދަދު މަތިވެދާނެ ކަމަށް ވިސްނައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް