ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވް ވި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވައިރަހަށް ފަރުވާ ދެމުންދިޔަ ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ބަލީގެ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
ބަލިން ރަނގަޅުވިޔަސް އިތުރު14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެ އެވެ. އެއްކޮށް މުޖުތަމައުއަށް ދޫކޮށްލާނީ އޭގެ ފަހުން ކޯވިޑް-19 އަށް ދެ ފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވި ދިވެހިންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ރަނގަޅުވެފައި އެވެ. މިހާރު ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުން އައިފަހުން ބައްޔަށް ޕޮސިޓީވްވި މީހަކާއި އެންމެ ފަހުން ފިލިޕިންސްއިން އައި ފަހުން ޕޮސިޓިވްވި މީހާ އެވެ.
https://twitter.com/HPA_MV/status/1250072520855891969
ބެލެވޭ ގޮތުގައި މިއަދު ރަނގަޅުވެފައި މިވަނީ އިނގިރޭސިވިލާތުން އައިސް އެއް ކޮޓަރިއެއްގައި ތިބި ދެމީހުންނެވެ. މީގެ ކުރިން އެޗްޕީއޭއިން ބުނީ އެ ދެމީހުން އިނގިރޭސިވިލާތުގައި އުޅެފައިވަނީ އެއްކޮށް ކަމަށްވާތީ ބަލި ޖެހުނީ ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީގައި އެއް ކޮޓަރިއެއްގައި ތިބެގެން ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.
ކަރަންޓީން ފެސިލިޓީގައި އެއްކޮށް ބޭތިއްބީ އެ ދެމީހުންނަކީ އާއިލީ ގޮތުން ގުޅުން އޮންނަ ދެމީހުންނަށް ވާތީ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް