އެޗްޕީއޭގެ ސާވޭގެ މައުލޫމާތު ރައީސް ނަޝީދު ހާމަކުރައްވައިފި – ރާއްޖެއިން 2000 މީހަކަށް ކޯވިޑް-19 ޖެހިދާނެ ކަމަށް ވިދާޅުވި

ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  ހަދާފައިވާ އެޕިޑެމިއޮލޮޖިކަލް ސާވޭގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިއެވެ. ރައްޔ...

14 Apr 2020 | 11:48

ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  ހަދާފައިވާ އެޕިޑެމިއޮލޮޖިކަލް ސާވޭގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަލްސާތައް ޗެމްބަރުގައި ބާއްވަން ފެށުމަށް ޕީޖީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ ދިރާސާގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވާކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުގައިވެސް ގާތްގަނޑަކަށް 2000 މީހަކަށް ކޯވިޑް-19 ޖެހިދާނެ ކަމަށް އެ ދިރާސާއިން ދައްކާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތައް ނެތް ނަމަ އެ އަދަދު 8000 އަށް އަރާފާނެ ކަމަށް އެ ދިރާސާގައި ވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ހުރި ފިޔަވަޅުތަކާއެކުގައިވެސް 2000 މީހަކަށް މި ވައިރަސް ޖެހިދާނެ ކަމަށް ލަފާކުރާއިރު އޭގެ ތެރެއިން 10 އިންސައްތަ މީހެއްގެ ހާލަތު ގޯސްވާނެ ކަމަށް އަންދާޒާކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހުރި ސިއްހީ ވަސީލަތްތަކުގެ އަދަދާއި މި ވައިރަސް ފެތުރިދާނެ ހާލަތަކަށް ތައްޔާރުވާން ބޭނުންވާނެ އަދަދުތައްވެސް ނަޝީދު މިއަދު ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ތައްޔާރުވުމަށް 247 އައިސީޔޫ ބޭނުންވާއިރު މާލޭ ސަރަހައްދުގައި ހުރީ 235 އެނދު ކަމަށެވެ. ޖުމްލަ 740 އެނދު ބޭނުންވާއިރު ހުރީ 687 އެނދު ކަމަށެވެ. 197 ވެންޓިލޭތަރު ބޭނުންވާއިރު ރާއްޖޭގައި މިވަގުތު ހުރީ 45 ވެންޓިލޭޓަރު ކަމަށެވެ.

މި މައުލޫމާތުތައް ރައީސް ނަޝީދު ހާމަކުރައްވާފައިވާއިރު މިފަދަ ދިރާސާއެއް ހަދަމުން އަންނަކަން އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އެ ދިރާސާއާއި ގުޅޭ މައުލޫމާތުތައް އެޗްޕީއޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް