ޔޫރަޕްގައި އެންމެ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ ސްޕެއިންގައި މަރުވާ މީހުންގެ އަދަދަށް ކުޑަ ބަދަލެއް އައުމާއެކު ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އެ ގައުމުގައި ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ431 މީހަކު އެވެ. އެއީ މިދިޔަ މާޗް މަހުގެ19 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ އަދަދު އެންމެ ދަށްވި ދުވަހެވެ. އޭގެ ކުރީ ދުވަހު އެ ގައުމުން ކޯވިޑް-19 ޖެހިގެން619 މީހަކު މަރުވެފައިވެ އެވެ.
ހާލަތުން އަރައިގަނެވިދާނެ ކަމުގެ ފެހި ސިގްނަލާއި އެކު އެ ގައުމުން ވަނީ ވަނީ ވައިރަހާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައި އެވެ.
އެގޮތުން މެނުފެކްޗާރިން، ކޮންސްޓްރަކްޝަން އަދި އިތުރު ބައެއް ޚިދުމަތްތައް ހުޅުވާލަން ސްޕެއިން ސަރުކާރުން ވަނީ ނިންމާފައި އެވެ. އަދި ގޭގައި ނުކުރެވޭ މަސައްކަތްތައް ކުރުމަށް އޮފީހަށް ދިއުމުގެ ހުއްދަ ދީފައިވެ އެވެ.
މިގޮތަށް ނިންމީ އިގްތިސާދު ހުއްޓުމަކަށް އައުމުން ސަލާމަތް ކުރުމަށްޓަކައި ކަމަށް ބުނެ އެވެ. އެކަމަކު މި ލުއި ތަކާއި އެކު މަސައްކަތަށް ނުކުންނަ މީހުން ފިޔަވައި އެހެން މީހުން ތިބެން ޖެހޭނީ ގޭގަ އެވެ.
ސްޕެއިން ފަދަ އާބާދީ ބޮޑެތި އަދި ދުނިޔޭގެ އެންމެ ރަނގަޅު ސިއްހީ ނިޒާމުތައް އޮތް ގައުމުތަކުގައި ކޯވިޑް-19 ފެތުރި ކޮންޓްރޯލުން ނެއްޓުނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި މަރުވާ މީހުންގެ ރޭޓު ކުއްލިއަކަށް ސްޕެއިންގައި މަތިވެގެން ދިޔައީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިބި އެތައް ހާސް ބަޔަކަށް ބަލި ޖެހުމުން ސިއްހީ އެހީތެރިކަން ފޯރު ނުކޮށްދީ ބަލަހައްޓަން ތިބި މީހުން ފިލުން ފަދަ ހާދިސާތަކާއި ގުޅިގެންނެވެ.
މިހާތަނަށް ކޯވިޑް-19 އަށް ސްޕެއިންގައި 169،496 ޕޮސިޓިވް ވެފައިވެ އެވެ. އަދި މި ބަލީގައި 17،489 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް