ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ ތިނަކާއި ހަމައަށް އިތުރުކޮށްފިއެވެ.
މާރިޗް 25 ގައި އިއުލާނުކުރި މި ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމިކަން އެ ގައުމުގެ ބޮޑުވަޒީރު އިއުލާނުކުރެއްވީ ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަން އިއުލާނުކުރައްވައި ވާހަކަދައްކަވަމުން މޯދީ ފާހަގަކުރެއްވީ އިގްތިސާދަށްވުރެ ރައްޔިތުން މުހިންމު ކަމަށެވެ. އަދި ލޮކްޑައުންގެ މުއްދަތު ދަންމާލި ނަމަވެސް ވައިރަހުގެ އަސަރު އަދި މިހާތަނަށް ނުފެންނަ ބައެއް ހިސާބުތަކަށް މިމަހުގެ 20 އިން ފެށިގެން ކޮންމެވެސް ވަރެއްގެ ލުޔެއް ދެވޭނެ ކަމާއި އެއީ އެންމެ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް ދެވޭ ލުޔެއްކަންވެސް ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންއަކީ މިހާތަނަށް އެންމެ ބޮޑު އާބާދީއަކަށް އިއުލާނުކޮށްފައިވާ ލޮކްޑައުންއެވެ.
އިންޑިއާގައި މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހަކަށް މި ބަލި ޖެހިފައިވާއިރު 358 މީހަކު މަރުވެފައިވެއެވެ. ރަނގަޅުވެފައިވަނީ 1200 އެއްހާ މީހުންނެވެ. އިންޑިއާގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނި 1200 އަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް