ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި އޮންލައިންކޮށް ކައިވެނިކޮށްދޭން ފަށައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަން ފެށުމާއި އެކު އެ ގައުމުގެ ބައެއް ސިޓީތަކުގައި ވަނީ ކައިވެނި ކުރުމާއި ވަރި ކުރުން މަނާކޮށްފައި އެވެ. އެ ނިންމުމަށް ބަދަލު ގެނައުމުގެ ގޮތުން ނިންމީ އޮންލައިންކޮށް ކައިވެނިކޮށްދޭގޮތަށެވެ.
ޔޫއޭއީގެ ޖަސްޓިސް މިނިސްޓްރީން ބުނީ އޮންލައިންކޮށް ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް އޮންލައިންކޮށް އެ މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އަދި ކައިވެނި ކުރާ ދެމީހުންގެ ކައިވެނީގެ ހުރިހާ ލިޔެކިޔުމެއް ފުރިހަމަވެ، ކައިވެނި ކުރެވޭނެ ކަން ޔަގީންވުމުން އެކަން އެ ދެމީހުންނަށް އީމެއިލް މެދުވެރިކޮށް އަންގާނެ އެވެ.
ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ. މިގޮތަށް ކައިވެނި ކުރާއިރު ގާޒީއަށް ކައިވެނި ކުރާ ދެމަފިރިންނާއި ދެ ހެކިވެރިން އަދި ވަލީވެރިޔާ ފެންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކައިވެނީގެ ސެޓްފިކެޓް ކޯޓުން ފޮނުވާނީ މެސެޖެއްގެ ގޮތުގައި ފޯނަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޮންލައިންކޮށް ކައިވެނިކޮށްދޭން ނިންމާފައި މިވަނީ ޔޫއޭއީގެ ސިޓީއެއް ކަމަށްވާ ދުބާއީގައި ކައިވެންޏާއި ވަރި ކުރުން މަނާ ކުރިތާ ހަފްތާއެއް ފަހުންނެވެ.
އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށީ މުވައްޒަފުން އޮފީހަށް ނެރުން ވީހާވެސް މަދުކޮށް، އިޖްތިމާއީ ގައިދުރު ކަމަށް ބާރު އެޅުމަށް ކަމަށް ޔޫއޭއީގެ ޖަސްޓިސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް