ކޮރޯނާ ވައިރަސްއަށް ވެކްސިނެއް ހޯދެންދެން އާންމު ދިރިއުޅުމުގައި އުޅެން ޖެހޭނީ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކާއި އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި ބަލި ރާއްޖޭގައި ފެތުރުން ކޮޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މައިގަނޑު ތިން ކަމެއް ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.
އެއީ ރާއްޖެއަށް ބަލި އަންނަ މިންވަރު މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. ދެ ވަނަ ކަމަކަށް، ބަލި ހުންނަ މީހުން ދެނެގަތުމުގެ މަސައްކަތް ކުރާއިރު ތިން ވަނައަށް އޭނާ ފާހަގަކުރެއްވީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމެވެ.
އޭނާ ވިދާޅުވީ އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ބަލި ކޮންޓްރޯލްވުމަށް މަގުފަހިވަނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ފެށުމުން ކަމަށެވެ. އަދި މި ހުރިހާ ކަމެއް އެއްވަރަށް ކުރެވިގެން ނޫނީ، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަން ފާހަގަ ކުރެއްވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލްކޮށް ރާއްޖެ އާންމު ހާލަތަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާއިރު ދެން ދާންޖެހޭނީ މުޅިން އާ އާންމު ހާލަތަކަށް ކަމަށެވެ. އެގޮތުން އާ އާންމު ހާލަތުގެ މިސާލެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދުރުދުރުގައި އުޅެން ޖެހުމެވެ.
އެ ބަދަލުތައް އާންމު ހާލަތުގައި ގެންގުޅުމަށް ބާރު އެޅުމަށް އެޗްޕީއޭއާއި ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ކެމްޕެއިނެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ އާދަތަކާއި އެކު މަސައްކަތުގެ މާހައުލު ފަހިކޮށްދިނުމަށް މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހުރިހާ ފިޔަވަޅުތައް އަޅައިގެން ބަލި ކޮންޓްރޯލް ކުރި ޗައިނާ ފަދަ ގައުމުތަކުގައި އަލުން ބަލި ފެތުރުމުގެ ބިރު ބޮޑުވެފައި ވުމަކީ މި އާދަތައް ފަސޭހައިން ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ދޫކޮށްލެވެން ނެތްކަން ގަބޫލް ކުރަންޖެހޭ ކަމުގެ ހެއްކެވެ.
އިތުރަށް ވިދާޅުވީ މިހާރު މިއޮތް ހާލަތުން ރާއްޖެ އެންމެ ނުރައްކާތެރި ހާލަތަށް ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ ގޮތެއް ރާއްޖޭގައި އަދި ނެތް ކަމަށް ތަކުރާރުކޮށް އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް