ކޮރަޕްޝަނަށް ހިމެނޭކަމަށް ބުނާތީ ވެންޓިލޭޓަރުތަކަށް ހަރަދުު ކުރާ ގޮތް ހާމަކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އެންމެ ނުރައްކާތެރި ހާލަތުގައި ބޭނުން ކުރަން ވެންޓިލޭޓަރު ރާއްޖެއަށް ހޯދުމަށް ވަކި ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް ހިމެނޭ ގޮތަށް ކަމަށް ބުނަން ފެށުމުން ވެންޓިލެޓ...

14 Apr 2020 | 03:47

ކޯވިޑް-19 އާއި ގުޅިގެން އެންމެ ނުރައްކާތެރި ހާލަތުގައި ބޭނުން ކުރަން ވެންޓިލޭޓަރު ރާއްޖެއަށް ހޯދުމަށް ވަކި ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް ހިމެނޭ ގޮތަށް ކަމަށް ބުނަން ފެށުމުން ވެންޓިލެޓަރުތައް ގަންނަން ހަވާލު ކުރި ގޮތް ހާމަކޮށްފި އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް ޖުމްލަ 56.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ151 ވެންޓިލެޓަރު ހޯދުމަށް ދާ އަގު ކަމަށެވެ.

މީގެ ތެރެއިން ޕޯޓަބަލް ހަ ވެންޓިލޭޓަރު ހޯދަން ހަ ފަރާތަކަށް ގުޅި ކަމަށާއި އޭގެ ތެރެއިން އެކަމަށް އެދުނީ ހަތަރު ފަރާތަކުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ހަވާލު ކުރީ އެކަމަށް އެދުނު ހަތަރު ކުންފުނީގެ ތެރެއިން ކުންފުންޏަކާއި އެވެ. މި ވެންޓިލެޓަރުތައް އެކަނި ގެންނަން1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އިތުރު 135 ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ މާލިއްޔަތު ގަވައިދުގައި، ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. އޭގެ ތެރެއިން 50 ވެންޓިލޭޓަރު ގެންނަން އެއް ކުންފުންޏަކާއި އަދި 20 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް އެހެން ކުންފުންޏަކުން ބުނެފައިވާތީ އެ ކުންފުނިތަކާ އެކު އެގްރިމެންޓް ހަދާފައިވާ ކަމަށެވެ.

މީގެ ތެރެއިން 50 ވެންޓިލޭޓަރު ގެނައުމަށް 14 މިލިއަން ރުފިޔާ އަދި 20 ވެންޓިލޭޓަރު ގެނައުމަށް ހަތް މިލިއަން ރުފިޔާ ހަރަދުވާނެ އެވެ

ވެންޓިލޭޓަރު ހޯދުމަށް ދެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޑަބްލިއުއެޗްއޯ މެދުވެރިކޮށެވެ. އެ ޖަމިއްޔާ މެދުވެރިކޮށް، ބޭރުގެ އެހެން ކުންފުންޏެއްގެ އަތުން ގެންނަން ހަމަޖައްސާފައިވަނީ އައިސީޔޫގައި ބަހައްޓާ 65 ވެންޓިލޭޓަރާއި ދަތުރުމަތީގައި ބޭނުންކުރެވޭ ކަހަލަ 10 ވެންޓިލޭޓަރެވެ.

މަބްރޫކް ވިދާޅުވީ މިހުރިހާ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ފައިސާ ހަވާލު ކޮށްފައިވަނީ ޑަބްލިއުއެޗްއޯ މެދުވެރިކޮަށް ގެންނަ ވެންޓިލޭޓަރުތަކަށް އެކަނި ކަމަށެވެ. ދެން އެ މަސައްކަތް ހަވާލުކޮށްފައިވާ ދިވެހި އެއްވެސް ކުންފުންޏަކަށް ފައިސާގެ އެއްވެސް މިންވަރެއް ދީފައި ނުވާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރުތަކަށް ސަރުކާރުން ވަނީ70 ޕަސެންޓު ފައިސާ ދައްކާފައި އެވެ. އެ ވެންޓިލޭޓަރުތަކަށް34 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ވެންޓިލޭޓަރާއި އެނޫންވެސް ތަކެތި ގަތުމުގައި ސަރުކާރުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެކަން ޔަގީންކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ކޮރަޕްޝަނާއި ވައްކަމުގެ މައުލޫމާތު ހިއްސާކުރާ ހާއްސަ ޕޯޓަލަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

ސަރުކާރުން ބުނީ ކުއްލި ހާލަތެއްގައި ބޭނުން ކުރަން ގެނެވޭ މި ވެންޓިލޭތަރުތައް މި ހާލަތުން އަރައި ގަނެވުމުން ބޭނުން ކުރާނީ އަތޮޅު ތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް