މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ވިލިވަރުގެ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރުކޮށް، ކުރިން ރިސޯޓް ހިންގި ރަށެއްގައި އިތުރު ތިން ކަރަންޓީން ފެސިލިޓީއެއް ތައްޔާރު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވިލިވަރުގެ ކަރަންޓީން ފެސިލިޓީ ބޮޑުކުރަން މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން 100 މީހުން އެތަނުގައި ބޭތިއްބޭނެ ކަމަށާއި އެ ބޭނުމަށް ހަ މަހުގެ މުއްދަތަށް އެ ރަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެރަށް ހަވާލު ކޮށްފައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި، އިތުރު އެއްވެސް އަގަކާ ނުލައި، މި ރަށް ސަރުކާރަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މުހައްމަދު އަލީ ޖަނާހަށް ޝުކުރު އަދާކުރާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާ ހަމައަށް ރިސޯޓް ހިންގަމުން ދިޔަ އއ. ވެލިދޫ ޓޫރިސްޓް ރިސޯޓް ވެސް ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ހަދަން ނިންމާފައިވާކަމަށާއި 100 މީހުން އެތަނުގައި ބޭތިއްބޭނޭ ކަމަށް އޭނާ ވިދާޅޫވިއެވެ އަދި ހަ މަހުގެ މުއްދަތަށް އެ ރަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯވިޑް-19 ޖެހިފައިވާ 10 މީހަކު ރާއްޖެއިން ފެނިފައި ވާއިރު، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދަނީ ވިލިވަރުގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން މަރުކަޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް