މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ސިއްހީ މާހިރުންގެ ޓީމެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެ ޓިމް ރާއްޖެއަށް ގެންނަނީ ޓުރިޒަމް ޓްރަސްޓު ފަންޑުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން އެއް މަސް ދުވަހުގެ މުއްދަތަށް ރާއްޖެ އަންނަ ޓީމުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ ސިއްހީ މާހިރުން ހިމެނޭ ކަމަށެވެ. އެ ޓީމް ރާއްޖެ އަންނަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޓީމު ހަރަކާތްތެރިވާނީ، ވިލިވަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ.
މީގެ ކުރިން ޓޫރިޒަމް ޓްރަސްޓު ފަންޑުން ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމުގެ ގޮތުން އެއް މިލިއަން މާސްކު ގަނެފައިވެ އެވެ. އަލީ ވަހީދު ވިދާޅުވެފައިވަނީ އެ މާސްކުތަކަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގެނެވިފައިވާ މާސްކު ކަމަށެވެ.
ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރަނީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީ އިންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ސީއެސްއާރު ފައިސާ ޖަމާކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މިހާރު މި ފައިސާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް