ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ބައެއް ރައްޔިތުންގެ ފަރާތުން އުންމީދު ކުރާ ވަރުގެ އެއްބާރުލުމެއް ލިބެމުންދާ ތަނެތް ނުފެނެ އެވެ.
ވައިރަސްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ ރާއްޖޭގައި މިވަގުތު މިއޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެއީ 30 ދުވަހުގެ މުއްދަތަކަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ކޮރޯނާ ވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ރާއްޖެއިން ފެނުނު ފަހުން މިހާތަނަށް އެކި ރިސޯޓުތަކުން ދަނީ ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެންނަލެއް އިތުރުވަމުންނެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް120 ސާމްޕަލް ޓެސްޓު ކޮށްފައިވާއިރު ގިނައީ ބިދޭސީންގެ ސާމްޕަލްތަކެވެ.
އެހެންވެ އެޗްޕީއޭއިން ލަފާ ކުރަނީ ރާއްޖެއަކީ ވައިރަސް ފެތުރުމުގެ ރިސްކު ވަރަށް ބޮޑު ގައުމެއްގެ ގޮތުގައި އެވެ. ރާއްޖެއަކީ ޓޫރިޒަމްގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ ރާއްޖޭގައި ޗުއްޓި ހޭދަ ކުރަމުންދާ ޓޫރިސްޓުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ފަތުރުވެރިންނާއި ސީދާ މުއާމަލާތް ކޮށްފައިވާ ގިނަ ބަޔަކު ގޭގައި އައިސޮލޭޓްވެގެން ތިބެން އެޗްޕީއޭއިން ވަނީ އަންގާފައިއެވެ. އޭގެ ތެރޭގައި ގިނައީ އޮފީސްތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައެއް މުވައްޒަފުންގެ އާއިލާ މެންބަރުންނެވެ.
މާލެ އާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ގޭގައި އައިސޮލޭޓްވެގެން ތިބެން އަންގާފައިވާ ގިނަ މީހުން އެބަތިއްބެވެ. ޖުމްލަ އަދަދެއް މިހާތަނަށް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. އެކަމަކު ހިތާމައަކީ މީގެ ތެރެއިން ގިނަ ބަޔަކު ގޭގައި މަޑުކުރަން ދެކޮޅު ހެދުމާއި ބޭރަށް ނުކުންނަ ކަމެވެ.
އައިސޮލޭޓްވާން އަންގާ މީހުންނަށް އަންގާފައި އޮންނަނީ14 ދުވަސް ވަންދެން ވައިރަހުގެ އަސަރެއް ނުފެނުނު ނަމަވެސް ގޭގައި މަޑު ކުރުމަށެވެ. މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަށެވެ. އެއީ ކޮރޮނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނަނީ14 ދުވަސް ތެރޭގައި ކަމަށްވާތީ އެ ފުރުސަތު ވީހާވެސް ބޮޑަށް ކުޑަކުރުމަށެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައިސޮލޭޓް ކުރަން ފެށި ފުރަތަމަ ދުވަސްކޮޅު ރަށްރަށުންވެސް އެފަދަ މީހުން ގެއިން ބޭރަށް ނުކުންނަ މައްސަލަ ފެންމަތިވެ އައިސޮލޭޓްވެގެން ތިބެން އެންގި މީހުންނަށް ނަސޭހަތް ދިނުމަށް ފުލުހުން ފޮނުވަން ޖެހުނު ކަމަށެވެ. އަދި މާލޭގައި އައިސޮލޭޓް ވެގެން މީހުން ތިބެން އަންގަން ފެށަން ޖެހުނީވެސް ވަރަށް ގިނަ މައުލޫމާތު އަދި ވައިރަހުގެ ނުރައްކާތެރިކަން އެތައް ފަހަރަކު ބުނެދީ ވިސްނައިދީގެންނެވެ.
އެކަމަކު އެކަމަށް ރައްޔިތުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބެމުން ނުދާ ކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އެފަދަ ފަރާތްތަކާއި ދެކޮޅަށް އަޅާނެ ކަމަށެވެ. އަދި އައިސޮލޭޝަންގައި ނުތިބޭނަމަ ފުލުހުން އެކަން ބަލާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެފަދަ މީހަކާއި ގުޅޭގޮތުން ރިޕޯޓެއް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ވައިރަހާ ގުޅިގެން ރާއްޖެ ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ދަނީ މުވައްޒަފުންގެ ރައްކާތެރިކަމަށް ގިނަ ދޫތަކެއް ދެމުންނެވެ. އެގޮތުން އައިސޮލޭޓް ވާންޖެހޭ މުވައްޒަފުންނަށް މުސާރަ އުނިކުރުމަކާއި ނުލައި ޗުއްޓީ ދެމުންދާއިރު ބައެއް މުވައްޒަފުން ދަނީ ވައިރަހުގެ ސީރިއަސް ކަމާ ދޭތެރޭ ނުވިސްނާ އޮފިސްތަކުން ހަމަޖައްސައިދީފައިވާ ލުއި ފަސޭހަ ގޮތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.
ވައިރަހަށް ޝައްކު ކުރެވޭ މީހުންނާއި މުއާމަލާތްކޮށްގެން އަލާމާތްތައް ފެންނަން ފެށުމުން އައިސޮލޭޓްވާން އަންގާ މުވައްޒަފު ކޮފީތަކާއި ސައިކަލު ބުރުޖެހުމުގައި އުޅުމުން އެކަމުގެ ނުރައްކާތެރިކަން މުޅި މުޖުތަމައުއަށް އެބަ އޮތެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ގޭގައި އައިސޮލޭޝަންގައި ތިބެން ބުނާ މީހުން ބޭރަށް ނުކުންނަ ނަމަ ރާއްޖެއަށް ކޮރޯނާ ވައިރަސް ފެތުރު ނުދިނުމަށް ރެއާ ދުވާލު ނުނިދާ ތިިބެ ސިއްހީ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ވައިރަހހުގެ ނުރައްކާތެރިކަމާއި މެދު ރައްޔިތުން ސިރިއަސްވެސް ވިސްނަން ވެއްޖެ އެވެ.
މިއީ އައިސޮލޭޝަންގެ މުހިންމުކަން އަމިއްލައަށް ވިސްނަންވީ ވަގުތެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ބައްޔެއް ޖެހުމަކީ އެކަކުވެސް ބޭނުންވާނެ ގޮތެއްް ނޫނެވެ. ބޮޑެތި މުއްސަނދި ގައުމުތައް މި ބަލީގައި އިނދަޖައްސާލާފައި ވާއިރު ރާއްޖެ ފަދަ އެހެން ގައުމުތަކަށް ހުރިހާ ކަމެއްގައި ބަރޯސާ ވާން ޖެހިފައިވާ ގައުމެއްގައި ބަލި ފެތުރިއްޖެ ނަމަ ވާނެ ގޮތާއި މެދު ވިސްނާލާށެވެ.
އަމިއްލަ ފަރުދީ ޒިންމާނަގައި ސިއްހީ މާހިރުންނާއި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެނބުމަކީ މިފަދަ ދަނޑިވަޅެއްގައި މުހިންމު ކަމެކެވެ. ވައިރަސް ފެތުރި އަމިއްލައަށް ބަލީގެ ނުރައްކާ ތަހައްމަލް ކުރަން ޖެހުމުގެ ކުރިން ރައްކާތެރިކަމަށް އަޅަން ބުނާ ފިޔަވަޅުތައް އަޅާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް