ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހޭ މީހުންނާއި ޝައްކު ކުރެވޭ މީހުން ކަރަންޓީން ކުރުމަށް ރާއްޖޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގަައި އެއްފަހަރާ ހިދުމަތް ދެވޭނީ 92 މީހުންނަށް ކަމަށް ނެޝަނަލް އެމަންޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.
މިވަގުތު ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންދަނީ ކ. ވިލިވަރު، ހުޅުމާލެއާއި ގުޅާލާފައިވާ ފަރުކޮޅުފުށި އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާއެވެ.
މީގެ ތެރެއިން ދަރުމަވަންތައަށް ގެންދަނީ ހާލުބޮޑުވާ ބަލި މީހުންނެވެ. ވިލިވަރުގައި ބައިތިއްބަނީ ކަރަންޓީންގެ މުއްދަތު ހަމަކުރަން ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނެވެ. ފަރުކޮޅުފުށީގައި އައިސޮލޭޓްކޮށްފައި ބައިތިއްބަނީ ބަލީގެ އަލާމާތްތައް ފެންނަ ފަރުވާ ދޭން ޖެހޭ މީހުންނެވެ.
އެ ސެންޓަރުން އާންމު ކުރި ހިސާބުތައް ދައްކާގޮތުން ދަރުމަނަވްތައިގަ ގާއިމްކޮށްފައިވާ އައިސީޔޫގައި ފަރުވާދެވެނީ އެއްފަހަރާ10 މީހުން ނަަށެވެ. ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި50 މީހުންގެ ޖާގަ ހުރި އިރު ވިލިވަރުގައި ހުރީ32 މީހުންގެ ޖާގަ އެވެ.
އެކަމަކު ކޭސްތައް އިތުރުވާން ފަށާ ހާލަތެއްގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސޮލޭޓް ކުރާނެ ރަށަކާއި ތަނެއް މިހާރު ކަނޑައަޅާފައިވާކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ. އެ ތަންތަނުގެ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ބުންޏެވެ.
މިހާރު ދަރުމަނަވްތައިގަ ހާލު ބޮޑު އެކަކަށް ފަރުވާދެމުންދާއިރު ވިލިވަރު ކަރަންޓީންގައި17 މީހަކު އެބަތިއްބެވެ. އަދި ފަރުކޮޅުފުށީ އައިސޮލޭޝަންގައި ނުވަ މީހަކު އެބަތިއްބެވެ.
ރާއްޖެ ހިމެނިފައިވަނީ މި ބަލީގައި އެންމެ ރިސްކު ބޮޑު ނުވަތަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ގައުމެއްގެ ގޮތުގައި އެވެ. މިދިޔަ ހަފްތާގައި ކޮރޯނާ ވައިރަސް ފުރަތަމަ ރާއްޖެއިން ފެނުނު ފަހުން އެކި ރިސޯޓުތަކުން ނުވަ މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި އެއްދުވަހުން އަނެއް ދުވަހަށް ބަލީގެ އަލާމާތްތައް ހުންނަ ފަތުރުވެރިން ފެންނަލެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް ޝައްކު ކުރެވޭ މީހުން ފެނިގެން10 ރިސޯޓެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
މިވަގުތު ރާއްޖޭގައި އޮތީ30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް